ޚަބަރު

އޯލެވެލް އިމްތިހާނާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި


  • ކޮންގްރެސް އަވަސްކުރަން ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ

  • ކޮންގްރެސް ބާއްވާނެ ތާރީޚެއް ޕާޓީން އިޢުލާން ކުރާނެ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީގެ ކޮންގްރެސް ބާއްވަން ކުރިން ކަނޑައެޅި ތާރީޚު، އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، އެއަށްވުރެ އަވަހަށް ކޮންގްރެސް ބާއްވަން އެ ޕާޓީގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

ކުރިން ނިންމާފައި އޮތީ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕީއެންސީން ބުނީ، އެ ޕާޓީގެ ކޮންގްރެސް އަވަސް ކުރަން ރޭގެ އާންމު ބައްދަލުވުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އެގޮތަށް ހުށަހެޅުއްވީ ކުރިން ކަނޑައެޅި ތާރީޚު އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރާ ދިމާވުމުން ކަމަށެވެ.

ޕީއެންސީން ބުނީ، ރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދިން މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކޮށްފައިވާ ކަަމަށެވެ. އަދި ކޮންގްރެސް ބާއްވާނެ ތާރީޚެއް އެ ޕާޓީން ރަސްމީކޮށް އިޢުލާންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ މާރިޗު މަހު އާޓިފިޝަލް ބީޗުގައި 'ދަ ގްރޭޓް އައްޑޫ'ގެ ނަމުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕީއެންސީގެ ކޮންގްރެސްއަކީ ވަރަށް އިންސާފުވެރި އަދި ދެފުށް ފެންނަ ކޮންގްރެސްއަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ މުހިއްމު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕީއެންސީން މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އެއް ޓީމެއްގެ ގޮތުގައި ކަމަށާއި، އެ ޕާޓީއަކީ ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު 3،000 މެންބަރުންނާއެކު ފެށި މި ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 75،000 އަށް އަރާފައިވާއިރު، ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ވުރެ އިތުރުކުރުމަކީ އަމާޒެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.