ޚަބަރު

ފަގީރުންގެ ގޮތުގައި ބަލަނީ ބޮލަކަށް 45 ރުފިޔާ ނުޖެހޭ މީހުން


ރާއްޖޭގެ އާބާދީގެ ތެރެއިން ފަގީރުންގެ ގޮތުގައި ކަނޑައަޅާ މިންގަނޑަކީ ބޮލަކަށް 45 ރުފިޔާ ނުޖެހޭ ކޮންމެ މީހެއްކަމަށް އެންސްޕާއިން ހާމަކުރައްވައިފިއެވެ. އެންސްޕާއިން މިކަން ހާމަކުރެއްވީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދަކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. 

ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެންނެވި ބަދަލާއި ކާޑުގެ އަގަށް ސަރުކާރުން ގެންނެވި ބަދަލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ސޯސަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ، ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދުގެ ސާރވޭ ނުވަތަ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސާރވޭއެއް އަބަދުވެސް މިނިސްޓްރީން ކުރިއަށް ގެންދަވާ ކަމަށެވެ. އެ ސާރވޭގެ މަޢުލޫމާތުން ދައްކާގޮތުގައި އާންމު މީހާގެ އާމްދަނީގެ 2.4 އިންސައްތަ ޚަރަދުކުރަނީ އާދައިގެ ކާބޯތަކެއްޗަށް ކަމަށެވެ. 

ރާއްޖޭގެ ޖީޑީޕީގެ 3.6 އިންސައްތަ އަކީ ސަބްސިޑީސްއަށް ކުރާ ހޭދަކަމަށާއި، އެއީ އެހެން ޤައުމުތަކާއި ބަލާއިރު ނިސްބަތުން ބޮޑު ހޭދައެއް ކަމަށެވެ. މުޖުތަބާ ވިދާޅުވީ، ފަގީރެއްގެ ގޮތުގައި ރާއްޖޭގައި ބަލަނީ ގޭބީސީތަކުގެ މީހުންގެ ދިރިއުޅޭ ޢަދަދަށް ބަލައިގެން ލިބޭ އާމްދަނީގެ ތެރެއިން ބޮލަކަށް 45 ރުފިޔާ ނުޖެހޭ ކޮންމެ މީހެއް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ނިސްބަތުން ފަގީރުންގެ ގޮތުގައި ބަލާ މިންގަނޑަކީ 29.29 ރުފިޔާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން އެ މިންގަނޑު ބަހައްޓާފައި މިވަނީ އޭގެ ދެގުނައަށްކަން އެންސްޕާގެ ސީއީއޯ ފާހަގަކުރެއްވިއެވެ. ސަބްސިޑީ ހޯދުމަށް އެދި ހުށައަޅަންޖެހޭ ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ދުވާލެެއްގެ މައްޗަށް ސަތޭކައެއްހާ ފޯމު ހުށައަޅަމުން ދާކަމަށްވެސް މުޖްތަބާ ވިދާޅުވިއެވެ.

"ރާއްޖެއަކީ އެއްކޮށް ފަގީރު ޤައުމެއް ގޮތުގައެއް ނޫން މިންކުރެވެނީއެއް. ރާއްޖެ މިންކުރެވިފައިވަނީ އެކަކު އަނެކަކަށް ބަލާއިރު ފަގީރު މީހުން އުޅޭ ޤައުމެއްގޮތުގަ. ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ރާއްޖެ މި ހިމެނެނީ ސަބްސިޑީއަށް އެންމެ ބޮޑު ހޭދައެއް ކުރެވޭ ޤައުމެއްގެ ގޮތުގައި. ރާއްޖޭގެ ޖީޑީޕީގެ 3.6 އިންސައްތަ ސަބްސިޑީއަށް ހޭދަކުރެވޭ" އެންސްޕާގެ ސީއީއޯ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، ކައިރި މުސްތަޤްބަލެއްގައި ކާޑުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ."ކުރިއަށް އޮތްތާގައި ގެންނަ ކާޑު ޝިޕްމަންޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރާނަން" ޝަހީރު ވިދާޅުވިއެވެ.

ކާޑު ވިއްކުމަށް ކުރާ ޚަރަދު ކުޑަކޮށްގެން އާއްމުންނަށް ކާޑު ވިއްކާއަގު ހެޔޮކުރެއްވުމަށްޓަކައި، ސަރުކާރާއި ގުޅިގެން އެކަމާއި ގުޅޭ ދިރާސާތައް ކުރައްވަމުން ގެންދަވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.