'ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026' ގައި، ޓެލްކޯ އޮފް ދަ އިޔަރ ދިރާގަށް ލިބިއްޖެއެވެ. މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި ދިރާގުން ފާހަގަކުރައްވައެވެ.
ޓްވިމްބިޓް ޓެލެކޮމް އެވޯޑަކީ، އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އައު ކަންކަމާއި، މާލީ ކުރިއެރުމާއި، ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
މި އެވޯޑަކީ، ޑިޖިޓަލް އީޖާދުތަކާއި، ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމުގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ދިރާގުން ވިދާޅުވެއެވެ.
ދިރާގަށް ލިބުނު މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، މި އެވޯޑުންވެސް ރަމްޒުކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި، ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރުކަމަށެވެ.
"މިއެވޯޑުން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއިއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން އަޅުގަޑުމެންނަށް ކުރަށްވާ އިތުބާރު، އަދި ދިރާގު ޓީމުގެ މިންނަތް މަސައްކަތް. ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑު ދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއިއެކު މިއަދު މިވަނީ ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބަރ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. ވީމާ މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް، އަދި އަޅުގަޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް.'' އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ.
ދިރާގުން އަންނަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއެކު "ޑިޖިޓަލް ރާއްޖެ" އެއް ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.