ޚަބަރު

އޭސީސީއަށް ހުށައެޅޭ މައްސަލަތައް ބަލާލެވޭ ނިޒާމެއް ތަޢާރަފްކޮށްފި


އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައެޅޭ މައްސަލަތައް އޮތް ހިސާބެއް ބަލާލެވޭ ނިޒާމެއް އެކޮމިޝަނުން މިއަދު ތަޢާރަފްކުރައްވައިފިއެވެ. ކޭސް މެނޭޖްމަންޓް ސިސްޓަމާއި އެސްއެމްއެސް މެދުވެރިކޮށް މައްސަލަތަކުގެ ސްޓޭޓަސް ނުވަތަ އެ މައްސަލައެއް އޮތް ހިސާބެއް ބަލާލެވޭ ނިޒާމް ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަންގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި އެކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއެވެ. 

މި ނިޒާމް ތަޢާރަފްކޮށްދެއްވާ ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ، މިއަދު ތަޢާރަފްކުރި ކޭސް މެނޭޖްމަންޓް ސިސްޓަމުގެ ސަބަބުން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް އަވަސްވެ، އެކޮމިޝަނުން ބައްލަވާ މައްސަލަތައް ބެލުމުގައި ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. މި ސިސްޓަމުގެ ސަބަބުން އަވަހަށް މައްސަލތައް ނިންމާ ރައްޔިތުންނަށް ހާމަކޮށްދެވޭނެ ކަމަށް ޙަސަން ލުޠުފީ ވިދާޅުވިއެވެ. ޢާންމުން ހުށައަޅާ މައްސަލަތައް އެސްއެމްއެސް މެދުވެރިކޮށް ބަލާލެވޭނެ ނިޒާމް ތަޢާރްފްކުރެވިގެން ދިއުމުން، އެ މައްސަލައެއް އޭސީސީގައި އޮތް ހިސާބެއް އެމީހަކަށް ވަރަށް ފަސޭހަކަމާއިއެކު ބަލާލެވޭނެ ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ."ކޮންމެ ދުވަހަކުވެސް އެމީހަކު ހުށައެޅި މައްސަލަ އޮތް ހިސާބެއް އެނގިގެންދާނެ މި ސިސްޓަމުން. އަދި އެކަން އޮޓޮމެޓިކުން އެސްއެމްއެސްއަކުން އެމީހަކަށް ލިބިގެންދާނެ. އެއީވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެނަށް ހުށައެޅޭ މައްސަލަ އޮތީ ކިހާ ހިސާބެއްގައިކަން ރައްޔިތުންނަށް އެނގުމަކީ އެބޭފުޅުންނަށް ލިބިގެންދާނެ ހިތްހަމަކެހުމެއްކަން ޔަޤީން" އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވިއެވެ.

އޭސީސީން މިއަދު ތަޢާރަފްކުރެއްވި މި ނިޒާމުން އެސްއެމްސް މެދުވެރިކޮށް އެކޮމިޝަންގައި މައްސަލަ ރަޖިސްޓްރީ ކުރުމާއި، އެ މައްސަލައެއްގެ ތަޙްޤީގް ފެށިފައިވޭތޯއާއި، މައްސަލަ ނިންމާ އެކަމުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވޭކަން ނުވަތަ ނޫންކަން އެނގިގެންދާނެއެވެ. އަދި އެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން ނުވަތަ ނޫންކަންވެސް އެސްއެމްއެސް މެދުވެރިކޮށް ބަލާލެވޭނެކަމަށް އޭސީސީން މަޢުލޫމާތު ދެއްވައެވެ. މި ރަސްމިއަޔާތުގައި ވަނީ މި ނިޒާމާއި ބެހޭ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައެވެ.