ހުސްވެފައިވާ ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމާއި ހަވާލުވާން ސްޕެއިން އަންޑޯނީ އިރައޯލާ އެއްބަސްވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަން ނިމުމާއިއެކު އިރައޯލާ ވަނީ ޕްރިމިއާ ލީގުގެ ކްލަބް ބޯންމަތުގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ. އިރައޯލާ ވަނީ އޭގެ ކުރިން ގްރީސްގެ ލަނާކާގެ އިތުރުން ސްޕެއިންގެ މިރަންޑޭސް އާއި ރަޔޯ ވަޔެކާނޯ އަށްވެސް ކޯޗުކޮށްދީފަ އެވެ.
ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމު ހުސްވެފައިވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ކްލަބުގެ ކޯޗަކަށް ހުރި އާނޭ ސްލޮޓް މި ސީޒަން ނިމުމާއިއެކު މަގާމުން ވަކިކުރުމުންނެވެ. ސްލޮޓުގެ ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ލިވަޕޫލް އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދަދީފަ އެވެ. ނަމަވެސް މި ސީޒަނުގައި އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.
ސްޕެއިންގެ ދަ އެތްލެޓިކް އިން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 43 އަހަރުގެ އިރައޯލާ ވަނީ ލިވަޕޫލް އާއިއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސްވެފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބޯންމަތުގައި އޭނާ އާއިއެކު މަސައްކަތްކުރި ކޯޗިން ސްޓާފުންގެ ތެރެއިން ބައެއް މީހުން ލިވަޕޫލް އާއި ގުޅޭނެ އެވެ.
ލިވަޕޫލް އިން މަސައްކަތް ކުރަމުންދަނީ މި މަހުގެ 11 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑްކަޕްގެ ކުރިން އެ ޓީމަށް ކޯޗެއް ހަމަޖެއްސުމަށެވެ.