މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސްއިން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
މިކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނޭގޮތަށް 10 ޑޮކްޓަރުން ބައިވެރިވާނެއެވެ.
Bringing Specialist Care Closer to You!
— IGMH (@igmhmv) June 2, 2026
The Malé City Group of Hospitals, in partnership with the Ministry of Health, Family and Welfare and Dr. Abdul Samad Memorial Hospital, is pleased to announce the launch of a Surgical Outreach Program scheduled for June 11-13, 2026.… pic.twitter.com/cBzsKIMZD6
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވީ މިމަހުގެ 11އިން 13އަށް ކުރިއަށްދާ މިކޭމްޕްގައި ބަލިމީހުން ބަލައި ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
* އޯޕީޑީގައި ބަލި މީހުން ބަލައި ފަރުވާދިނުން
* ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފާރުތަކަށް ޚާއްޞަ ފަރުވާދިނުން
* ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި، އާންމުކޮށް ކަފާލައިގެން ކުރާ އޮޕަރޭޝަންތައް ކުރުން
* ގިނަދުވަސް ވެފައިވާ، ފަސޭހަނުވާ ތަދުތަކަށް ޚާއްޞަ ފަރުވާދިނުން
* ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން
* ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ވަޒަންކޮށް، އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުން
މިކޭމްޕްގައި މާލެސިޓީގެ ހޮސްޕިޓަލްތަކުގަައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި، ސަބް-ސްޕެޝަލިސްޓުންގެ ޓީމަކުން ހަރަކާތްތެރިވާނެއެވެ.
* އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ޚާއްސަ - ޑރ.އަބްދުﷲ އުބައިދު
* އާންމު އޮޕަރޭޝަންތަކަށް ޚާއްސަ - ޑރ.މުހަންމަދު ޝަރީފު ޢަބްދުލް މަޖީދު
* ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާރއަށް ޚާއްސަ - ޑރ.މުހަންމަދު ވަޙީދު
* އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ - ޑރ.އާމިނަތު ނުސްރާ
* އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ - ޖުމައިލަތު ބޭގަމް
* ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ - ޑރ.އިބްރާހިމް މިސްބާޙް
* ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކަަށް ޚާއްޞަ - ޑރ.ޢާއިޝަތު އަޒްނާ ޢަލީ
* ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ - ޑރ.މުހަންމަދު ޝިފާން
* ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ - ޑރ.ޢަލީ އާރިފް
* ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކަށް ޚާއްޞަ - ޑރ.އައްސަދު ރަޝީދު
މިކޭމްޕްގައި ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން 1555އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
އެހޮސްޕިޓަލުން ވިދާޅުވީ، މިކޭމްޕަކީ އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. މިކޭމްޕްގެ މައިގަނޑު މަޤުސަދަކީ މުޖުތަމައުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތަކަށް އޮތް ފުރުސަތުތައް އިތުރުކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނާ ގާތަށް ގެންގޮސްދިނުން ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.