ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު ފަށައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި ފުރަތަމަ ފަށާފައިވަނީ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުންނެވެ.
މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ވޮލީބޯލް ފެމިލީ އެސޯސިއޭޝަނާއި އެމްޓީސީސީ ވާދަކުރިއިރު، އެމްޓީސީސީ މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު، ވީއޭއެފްއިން 18-14 އިން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ ބާކީ ތިން ސެޓުވަނީ އެމްޓީސީސީ ގެންދިޔައީ 08-18، 13-18 އަދި 08-18 އިންނެވެ.
ދެވަނަ މެޗުގައި އައްޑޫ ސްޕޯޓްސް ކުލަބު އަދި ބްލޫސް ފޯރ ވޮލީބޯލް ވާދަކުރިއިރު، ވާދަވެރި ކުޅުމަކަމަށްފަހު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ބްްލޫސްއެވެ. މެޗުގެ ސެޓުތައް ބްލޫސް އިން ގެންދިޔައީ 18-14، 18-13 އަދި 19-17 އިންނެވެ.
ތިންވަނަ މެޗުވެސް ފާހަގަކުރެވުނީ ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. މިމެޗުގައި ވާދަކުރީ ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަދި ކްއީން ސްޕޯޓްސް ކުލަބެވެ. ހަތަރު ސެޓަށް ދިޔަ މެޗު ކުއީން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ދެ ސެޓު 18-12 އަދި 18-12 އިން ކުއީން ނަގާފަވަނިކޮށް ޕީއެސްސީއިންވަނީ ހިތްވަރާއެކު ނުކުމެ 19-17 އިން ތިންވަނަ ސެޓު ނަގާފައެވެ. އެހެންނަމަވެސް ހަތަރު ވަނަ ސެޓުގައި ކުއީންއިންވަނީ ހަމަޖެހިލައިގެން ތިބެ، 18-05 އިން ޕީއެސްސީ ބަލިކޮށް މެޗު ކާމިޔާބުކޮށްފައެވެ.
ހަތަރުވަނަ މެޗުގައި ސްމައިލް ސްޕޯޓްސް ކުލަބު އަދި އައިލެންޑް އޯޝަން ކުލަބުގެ މެދުގައި ކުޅެވުނުއިރު، އެސްއެސްސިއިންވަނީ ތިން ސެޓުން މެޗު ކާމިޔާބުކޮއްފައެވެ. މެޗުގެ ސެޓުތައް އެސްއެސްސި ގެންދިޔައީ 18-06، 18-11 އަދި 18-05 އިންނެވެ.
ފަހު މެޗުގައި ވޮލީބޯލް އެކެޑެމީ އަދި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ވާދަކުރިއިރު، އާރްބީޖިއިން މެޗު ކާމިޔާބު ކުރީ ތިން ސެޓުންނެވެ. އާރްބީޖީ ސެޓުތައް ގެންދިޔައީ 18-11، 18-14 އަދި 18-13 އިން މެޗު ކާމިޔާބުކޮށްފައެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން މެޗުތަކުގެ ކުޅުން ފެށޭނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ހަތަރު ޕޫލްއަކުން 13 ޓީމު އެމުބާރާތުގައި ވާދަކުރާނެއެވެ.