ޚަބަރު

ފައިދާ ގޯލުގެ ތަފާތުން ކޮނަހާސް ސެމީއަށް


  • އިއްޔެ ކުޅުނު ތިން މެޗުވެސް އެއްވަރު

  • ކޮނަހާސް އަށް ލިބެނީ އެންމެ ގޯލެއްގެ ފައިދާ

ޅ.ނައިފަރު ފުޓްސެލް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ "ކުރުކުޗޫނާ ފުޓްސެލް ޗެލެންޖް 2026" ގެ ސެމީ ފައިނަލްގެ ޖާގައެއް، ފައިދާ ގޯލުގެ ތަފާތުން "ކޮނަހާސް" ހޯދައިފިއެވެ. އެޓީމުން ސެމީގެ ޖާގައެއް ހޯދީ ގުރޫޕްގެ ފަހު މެޗުގައި "ކޮރަކަލި އެފްސީ" އާ ބައްދަލުކުރި މެޗު އެއްވަރުކޮށްގެންނެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތްއިރު، ގުރޫޕް އޭ އިން ސެމީއަށް ދިޔަ ދެ ޓީމު ވަނީ ޔަގީންވެފައެވެ. ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު ވެސްޓަރން އެސްސީ، ގުރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައިވާއިރު، ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ދަ ބްލޫސްއަށް ވަނީ ދެވަނަ ކަށަވަރުވެފައެވެ. އެހެން ނަމަވެސް، ފަހު މެޗު ވެގެން ދިޔައީ ގުރޫޕް ބީ އަށް މުހިންމު މެޗަކަށެވެ.

ގުރޫޕުގެ ގަދަ ތިނެއްގައި އޮތް ތިން ޓީމުވެސް ފަހު މެޗަށް އައިއިރު އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. 12 ގޯލުގެ ފައިދާއަކާއެކު "ޔޫރަޕަށް" ގުރޫޕުގެ އެއްވަނަ ލިބުނު ނަމަވެސް، ކޮނަހާސް އާއި ކޮރަކަލިވެސް އޮތީ ފަހު މެޗު ކާމިޔާބުކޮށް، "ޔޫރަޕް" ދެވަނައަށް ވައްޓާލުމުގެ އަޒުމުގައެވެ.

ނަމަވެސް، މި ދެޓީމު އިއްޔެ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެންކަމުން ޕޮއިންޓުގެ ގޮތުން ގުރޫޕް އެއްވަރުވެ، ސެމީއަށް ދާނެ ޓީމުތައް ނިންމަން ޖެހުނީ ފައިދާ ގޯލަށް ބަލައިގެންނެވެ. އެގޮތުން ގުރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގައި "ޔޫރަޕް" ސެމީއަށް ގޮސްފައިވަނީ 8 ޕޮއިންޓު އަދި ފައިދާ 12 ގޯލާއެކުއެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ކޮނަހާސް ސެމީއަށް ގޮސްފައިވަނީ 8 ޕޮއިންޓު އަދި ފައިދާ 11 ގޯލާއެކުއެވެ.

ވާދަވެރި ގުރޫޕް ބީގެ އިތުރުން އިއްޔެ ވަނީ ގުރޫޕް އޭގެ ފަހު މެޗުވެސް ކުޅެފައެވެ. މި މެޗުގައި ބައްދަލުކޮށްފައިވަނީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައި އޮތް ދަ ބްލޫސް އާއި ގުރޫޕްގެ ފުލުގައި އޮތް މަކާއޮ އެވެ. މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ މިއަދެވެ. ފުރަތަމަ މެޗުގައި، މިރޭ 20:30 ގައި ގުރޫޕް އޭގެ އެއްވަނަ، ވެސްޓަރން އެސްސީ ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ، ކޮނަހާސް އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މިރޭ 21:30 ގައި ގުރޫޕް ބީގެ އެއްވަނަ، "ޔޫރަޕް" ނުކުންނާނީ ގުރޫޕް އޭގެ ދެވަނަ، ދަ ބްލޫސްއާ ދެކޮޅަށެވެ.