ޚަބަރު

"ކުޅުންތެރިންނަށް އަރާމުކުރަން ވަގުތެއް ނުލިބުނު"


  • ބަންގްލަދޭޝްއާއި ޕާކިސްތާނު މެޗު އެއްވަރު

  • ލަނޑުޖަހާނެ ފުރުސަތުތައް ލިބި ބޭނުން، ނުހިފުނު

ރާއްޖޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރަން އައި ޕާކިސްތާނުގެ ބައެއް ކުޅުންތެރިންނަށް، ދިގު ދަތުރެއް ކުރުމަށްފަހު އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭކަމަށް އެ ޓީމުގެ ހެޑް ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުންތެރިއެއްގެ ގޮތުގައި ނިއުކާސަލް ޔުނައިޓެޑާއި އެސްޓަންވިލާއިން ވެސް ފެނިފައިވާ ފުޓުބޯޅައިގެ ތަޖުރިބާކާރު ވަނީ، މުބާރާތަށް އައި ޕާކިސްތާން ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ، ޔޫރަޕުގެ ބައެއް ލީގުތަކުގައި ކުޅޭ ކުޅުންތެރިންކަމުން، މި މުބާރާތަށް އައުމަށް ދިގު ދަތުރެއް އެ ކުޅުންތެރިން ކުޅެން ޖެހުނުކަން ފާހަގަކޮށްފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޕާކިސްތާން ޓީމުގައި ހިމެނޭ 11 ވަރަކަށް ކުޅުންތެރިންނަކީ ޔޫރަޕުގައި، ޙާއްސަ ގޮތެއްގައި އިނގިރޭސިވިލާތް، ސްވިޑަން އަދި ޑެންމާކުގެ އެކި ޑިވިޝަންތަކުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ބައެއް ކުޅުންތެރިންނަށް ޤައުމީ ޓީމާއެކު ފުރިހަމަ ފަރިތަކުރުމެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެވުނީ ވެސް ރާއްޖެ އައި ފަހުންކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއާއެކު ޓީމެއްގެ ގޮތުގައި ބަދަހިކޮށް ކުޅެން ދަތިތަކެއް ކުރިމަތިވިކަމާއި، ދިގު ދަތުރަކަށްފަހު ރިކަވާ ވާން އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ދަށްވިކަން ކޯޗު ސޮލާނޯ ފާހަގަކުރިއެވެ. އެހެންނަމަވެސް ކުރިއަށް ހުރި މެޗުތަކާއިމެދު ވިސްނައި، ކުރިއަށް ދިއުން ނޫން ގޮތެއް ނެތްކަމަށް ޕެރޫއަށް ނިސްބަތްވާ 51 އަހަރުގެ ކޯޗު ބުންޏެވެ.

"އުޒުރު ދައްކާކަށް ބޭނުމެއް ނޫން. އެކަމަކު ބައެއް ކުޅުންތެރިންނަކީ ވަރަށް ދުރުން ސީދާ މި މުބާރާތަށް އައި ކުޅުންތެރިން. އެހެންވީމަ އެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު. ޙާއްސަކޮށް ދެވަނަ ހާފުގައި. ދެން އޮތީ ކުރިއަށް ހުރި މެޗުތަކާ މެދު ވިސްނައި ކުރިއަށްދިއުން. ތިންވަނަ ދުވަހު އިތުރު މެޗެއް މިއޮތޯ. އެހެންވީމަ އެ މެޗަށް ދެން ފޯކަސް ހުރީ". ސޮލާނޯ ބުންޏެވެ.

ސޮލާނޯ ވަނީ މެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ޙާއްސަ ގޮތެއްގައި ދެވަނަ ހާފުގެ ބޮޑުބައެއް ބަންގްލަދޭޝްއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުންކަމަށްވާއިރު، އޭގެ ފައިދާ ޕާކިސްތާނަށް ނުނެގުނީ ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ ކުޅުންތެރިން ދެއްކި ހިތްވަރާއި މޮޅު ކުޅުމުގެ ސަބަބުންކަމަށް އޭނާ ބުންޏެވެ.

މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝް އިން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕާކިސްތާނުގެ ކީޕަރު އީޖާޒް ބަޓް އާއި ބަންގްލަދޭޝްގެ ކެޕްޓަން މޮންޖުރޫރު ރަޙްމާނާ ދެމެދު ހިނގައިދިޔަ ކަންތައްތަކެއްގެ ތެރެއިން ރެފްރީ ވަނީ ބަންގްލަދޭޝްގެ ކީޕަރަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

ބަންގްލަދޭޝްއިން ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި، ކުރިއަށް ޖެހިގެން ޕާކިސްތާނުން އެޓޭކިން ގޭމެއް ކުޅެން މަސައްކަތް ކުރި ނަމަވެސް، ޕާކިސްތާނުގެ ފޯވާޑުން އުފެއްދި ގިނަ ހަމަލާތަކެއް ގޯލަށް ވަނުމަށް ހުރަހަކަށްވީ ބަންގްލަދޭޝްގެ ކީޕަރު މެޙްދީ ޙަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މެޙްދީއެވެ.

ވަރަށް ވާދަވެރި ކުޅުމެއް ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، މުބާރާތުގައި ޕާކިސްތާނަށް ކުރިއަށް ދެން އޮތީ ދިވެހިރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ބަންގްލަދޭޝްއަށް ކުރިއަށް ދެން އޮތީ އަފްޣާނިސްޠާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ.