ޚަބަރު

ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަންގްލަދޭޝްއިން ޕާކިސްތާނާ އެއްވަރުކޮށްފި


  • މެޗުގައި ދެ ޓީމަށްވެސް ލަނޑެއް ނުޖެހޭ

  • ރަތްކާޑު ދެއްކީ ބަންގްލަދޭޝްގެ ކެޕްޓަނަށް

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މެޗު ފެށުނުތާ ގިނައިރެއް ނުވެ، ބަންގްލަދޭޝް ޓީމަށް ވަނީ ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ބަންގްލަދޭޝް ކުޅުންތެރިން އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ، ސޯރަވް ދިވާން މުޅިން ހުސްކޮށް ހުރެފައި ފޮނުވާލީ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ފަސް ވަރަކަށް މިނެޓު މުޅިން ކަހަލަ ގޮތަކަށް ބަންގްލަދޭޝް ޓީމުން މެޗު ޑޮމިނޭޓު ކުރިނަމަވެސް، މެޗު ކުރިއަށްދިޔަ ވަރަކަށް ޕާކިސްތާނުން ޕްރެސިންގ ގޭމަކަށް ބަދަލުކުރުމާއެކު ބަންގްލަދޭޝް ޓީމަށް ކުޅެން އުނދަގޫވިތަން ފެނިގެންދިޔައެވެ.

މިއާއެކު، ޕާކިސްތާނު ޓީމަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. އެގޮތުން، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ އޯޓިސް ޖާން މުޙައްމަދު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްދޭން އުޅުނު ބޯޅަ، މުޙައްމަދު ޢަލީ އަކުބަރު ޚާނަށް ލިބުނުގެ ކުރިން ބަންގްލަދޭޝްގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޕާކިސްތާނު ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ބަދަލެއް ގެނެސްފައެވެ. އެޓީމުގެ ރާހިސް ނާބީއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ކުޅެން ނެރެފައިވަނީ މުޙައްމަދު ޙައްޔާން ޚައްތާކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަންގްލަދޭޝް ޓީމަށް ގޯލުޖަހަން ލިބުނު ފުރުސަތުގައި، ނަޒްމުލް ހުދާ ފޭސަލް، އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. މިއާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ގެނެސްފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޕާކިސްތާނަށް ރަނގަޅު ހިސާބަކުން ހިލޭޖެހުމެއް ލިބުނެވެ. ނަމަވެސް، އާދިލް ނާބީ ނަގައިދިން ހުރަހުން ކެޕްޓަން ޢަބްދުﷲ ޢިޤްބާލް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ހިނގައިދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ބަންގްލަދޭޝްގެ ކެޕްޓަން، އެސްއެމް މޮންޖުރުރް ރަޙްމާނަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. މިކަމުގެ ފައިދާ ނަގައިގެން ޕާކިސްތާނު ކުޅުންތެރިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ގޯލެއް ފެނިގެންގޮސްފައި ނުވިނަމަވެސް، ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައި ވެއެވެ. މީގެން ގިނަ ހަމަލާތައް ދިފާއުކުރުމުގައި ދެޓީމުގެ ކީޕަރުންވެސް މުހިންމު ދައުރެއް އަދާކޮށްފައި ވެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީވެސް ބަންގްލަދޭޝްގެ ކީޕަރު، އެމްޑީ މެހެދީ ހަސަން ސްރަބޯންއެވެ.

މި މުބާރާތް ކުރިއަށްދާނީ، ކޮންމެ ޓީމެއްވެސް އެއްޓީމު، އަނެއް ޓީމާ ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން މުބާރާތުގައި ބައިވެރިވެފައި ވަނީ ރާއްޖެއާއި އަފްޣާނިސްތާނެވެ. މުބާރާތުގެ ދެވަނަ މެޗުގައި މި ދެޓީމު ބައްދަލުކުރާނީ މިރޭ، 21:00 ގައެވެ.