ޚަބަރު

ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް މިހަފުތާތެރޭ ޢާއްމުކުރަނީ


  • 4 ވަރަކަށް ވުޒާރާއަކުން %100 މައުލޫމާތު ވަނީ ހާމަކޮށްފައި

  • 15 ދުވަހުގެ ތެރޭ އާރުޓީއައިތަކަށް ޖަވާބުދީ ނިންމުމަށް ދަނީ މަސައްކަތްކުރަމުން

އަމިއްލަ އިސްނެގުމަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް މި ހަފުތާގެ ތެރޭގައި ހާމަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މައުލޫމާތު ހާމަކުރުމަށް އޮންނަ ޤާނޫނުގައި އޮންނަ ގޮތަށް ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ ކަންކަން ވަރަށް ޚާއްސަަ އިސްކަމެއްދީގެން މިހާރު ހުރިހާ ވުޒާރާތަކަކުން ކުރަމުންދާ ކަމަށެވެ. އަދި އެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް އެ ވުޒާރާއެއްގެ ވެބްސައިޓުގައި ޢާއްމުކޮށް ނިމެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނުން ކުރަމުންދާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް 4 ވަރަކަށް ވުޒާރާއަކުން 100 އިންސައްތަ މައުލޫމާތު ހާމަކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަނުންވެސް ދިރާސާކޮށް އެބޭފުޅުންގެ އަޕްޑޭޓުތައްވެސް އެބަދެއްވާ. އެގޮތުން މިހާރުވެސް 4 ވަރަކަށް ވުޒާރާއަކުން %100 މައުލޫމާތު ޑިސްކްލޯޒްކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނުން އެބައޮތް މިނިސްޓްރީތަކަށް އަންގަވާފައި. އަދި ދެން ހުރި މިނިސްޓްރީތައްވެސް ގާތްގަނޑަކަށް ހަަމަ ނިމެމުން އެދަނީ، މިބަލަނީ މި ހަފުތާތެރޭގައި ހުރިހާ ވުޒާރާއަކުންވެސް %100 އެޗީވްކުރެވޭތޯ. އެ މައުލޫމާތުތައް ޕަބްލިޝްކޮށް ނިންމަން. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އާރުޓީއައިތަކަށް ޖަވާބުދިނުމުގެ ކަންތައްތަކަށްވެސް ޚާއްސަ އިސްކަމެއްދީގެން، މުއްދަތު ހަމަވެފައި ހުރި އާރުޓީއައިތަކަށް ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދީ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި މަދުވެގެން އަހަރަކު އެއްފަހަރު ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތަކެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑުގެ ތަފުސީލާއި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި، ޝަކުވާ ހުށަހެޅޭނެ އުސޫލުތައް ފަދަ މުހިއްމު މައުލޫމާތުތައް ހިމެނެއެވެ.

މި ޤާނޫނަށް އަމަލުކުރާތާ 12 ވަރަކަށް އަހަރުވެފައިވާއިރު، މީގެ ކުރިން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާއްމުކުރަންޖެހޭ މައުލޫމާތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހާމަކުރަމުން ނުދާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައި ރައީސް އޮފީހާއި، ވުޒާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ރެގިއުލާ ޕެޓާންއެއްގެ ތެރެއިން މައުލޫމާތު އިސްވެ ހިއްސާކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.