ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ދިވެހީންނަކީ ހުރިހާ މާނައެއްގައިވެސް އިސްލާމްދީނާއި ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާއިރު، ހުރިހާ ކަމެއްގައި ވެސް އަމަލީގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކުޅިވަރުގެ މައިދާނުގައި އުޅޭއިރު ނަމާދު ވަގުތު ޖެހިގެން ނިމިގެންދާއިރުވެސް، ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތްނޫން ކަމަށާއި، ގަސްދުގައި ނޫން ނަމަވެސް އެއީ ޒަމާނުއްސުރެވެސް ދިވެހީންގެ ތެރޭގައި ހިނގަމުންދާ ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން ކުޅިވަރު ކުޅޭ އިމާރާތްތަކުގައްޔާއި، ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ތަންތަނުގައި ނަމާދު ކުރެވޭނެ ފެސިލިޓީސްތައް، ޒަމާނީ ފެސިލިޓީސްތައް ވުޟޫކުރުމާއެކީގައި ޤާއިމްކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
އަދި ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުތަކަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
"ކުޅިވަރު ކުޅެން އުޅެފައި ނަމާދު ގަޑި ގެއްލުނަނުދިނުމަށްޓަކައި ގޮސް ނަމާދުކުރުމަށް އަދި ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑައިލެވޭ ގޮތަށް 20ވަރަކަށް މިނިޓު ނަމަވެސް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާއިން މިހާރު އެކިފަރާތްތަކާއި ޙަވާލުކޮށްގެން އަޅަން ނިންމާފައިވާ ކުޅިވަރު ކުޅޭ ފެސިލިޓީތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން ވަކި ވަގުތަކަށް އެތަންތަނުގައި ކުޅިވަރުތައް ނުކުޅެވޭ ގޮތަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.