ޚަބަރު

މިމަސް ނިމޭއިރު ބީއެމްއެލްގެ ކާޑު ލިމިޓަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް


  • ކަނޑައަޅާފައިވާ ވަކި ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކަމުންދޭ

  • ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިމިޓްތަކަށް ބަދަލެއްނާދޭ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ މައްސަލައަށް އޮތް ހައްލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބީއެމްއެލްއަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރިއިރު އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ. އެހެންނަމަވެސް އިއްޔެގަ ރައީސް އޮފީހުން ބޭންކަށް މައުލޫމާތު ހޯދަންބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް ލިމިޓްތަކެއް ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން އެ ބޭންކުގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ މަދުވެފައިވާ ކަމަށެވެ. މީގެ ކުރިން ބޭންކުން ދުވާލަކު 1.33 މިލިޔަން ޑޮލަރު މިފަދަ މުއާމަލާތްތަކަށް ވިއްކަމުންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކުން މިހާރު އަމަލުކުރަމުންދާ އުސޫލަކީ ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކުމެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރި ނުކުރެވޭނެ ކަމަށާއި، ނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ވިދާޅުވެއެވެ.

މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ. އަދި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށްވެސް މީގެ ކުރިން އެ ބޭންކުން ވަނީ މައުލޫމާތުދީފައެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ އިގްތިސާދު ކުރުމަށް މަޖުބޫރުވެގެން އެޅި ފިޔަވަޅުތަކެކެވެ. ނަމަވެސް ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ރުފިޔާ ކާޑުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓަށް ލުއިތައް ދެމުން ގެންދާނެ ކަމަށްވެސް މީގެ ކުރިން އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.