ޅ.ނައިފަރު ފުޓްސެލް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ "ކުރުކުޗޫނާ ފުޓްސެލް ޗެލެންޖް 2026" ގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ، ގުރޫޕް އޭ ގެ "ވެސްޓަރން އެސްސީ" އަދި "ދަ ބްލޫސް" އިން ކަށަވަރުކޮށްފިއެވެ.
މި ދެޓީމަށް ސެމީގެ ޖާގަތައް ކަށަވަރުވެފައި ވަނީ، އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކުރުމުންނެވެ. އެގޮތުން، "ދޯކާ އެފްސީ" އާ ވާދަކޮށް، ވެސްޓަރން އެސްސީން މެޗު ކާމިޔާބުކޮށްފައި ވަނީ 2-4 ގެ ނަތީޖާއިންނެވެ. އަދި، "ޓްރާންސްފަރ" އާ ވާދަކޮށް ދަ ބްލޫސް އިން މެޗު ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
މިނަތީޖާތަކާއެކު، ވެސްޓަރން ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބިފައިވާ 10 ޕޮއިންޓާއެކު ސެމީއަށް ގޮސްފައިވަނީ ގުރޫޕުގެ 1ވަނަ ޓީމުގެ ގޮތުގައެވެ. ދަ ބްލޫސްއަށް އަދި އެއް މެޗު ބާކީ އޮތްނަމަވެސް، ތިންވަނައިގައި އޮތް ޓްރާންސްފަރ އަށްވުރެ އިތުރަށް އެއް ޕޮއިންޓު ހޯދާފައިވުމުން އެޓީމަށްވެސް މިވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ.
ބްލޫސްގެ ފަހު މެޗުގައި ބައްދަލުކުރާނީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ގްރޫޕްގެ ފުލުގައި އޮތް "މަކާއޮ" އާއެވެ. އެހެންކަމުން މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ބްލޫސް ސެމީއަށް ދާނެއެވެ.
މިއާ ހިލާފަށް ގުރޫޕް ބީ އިން ސެމީއަށް ދާނެ ޓީމުތައް ޔަގީންވާނީ މިއަދު ކުޅޭ މެޗުތަކަށް ފަހުއެވެ. ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައި "ޔޫރަޕް" އޮތް ނަމަވެސް ދެވަނަ އަދި ތިންވަނައިގައި އޮތް "ކޮނަހާސް" އަދި "ކޮރަކާލި އެފްސީ" ވެސް ފަހަތުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެހެންކަމުން، "ޔޫރަޕް" އާއެކު އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާނީ މިއަދު "ކޮނަހާސް" އާއި "ކޮރަކާލި އެފްސީ" ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.
މިމެޗު އެއްވަރުވެއްޖެނަމަ ސެމީއަށް ދާނެ ދެ ޓީމު ކަނޑައަޅަން ބަލާނީ ފައިދާ ގޯލުގެ ތަފާތަށެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި "ކޮނަހާސް" އާއި "ކޮރަކާލި އެފްސީ"ގެ އިތުރުން މިއަދު ބައްދަލުކުރާނީ ބްލޫސް އާއި މަކާއޮ އަދި "އައި ވޭވް" އާއި "އޭޕެކްސް އެސްސީ" އެވެ.