މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެ މުބާރާތުގައި ކުޅެން އައީ ތަޖުރިބާއެއް ހޯދާލުމުގެ ބޭނުމުގައި ނޫން ކަމަށާއި މި މުބާރާތުގައި ވާދަކުރަނީ މޮޅު ކުޅުމެއް ދައްކައި، ފައިނަލުން ޖާގައެއް ހޯދުމުގެ ޓާގެޓު ކަނޑައަޅައިގެން ކަމަށް ބަންގްލަދޭޝް ޓީމުގެ ކޯޗު މަރްފުލް ހައްކު ބުނެފިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގައި ކުޅޭ މި މުބާރާތުގައި ވާދަކުރަން އައީ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމެވެ. ބަންގްލަދޭޝްގެ ސީނިއަރ ޓީމުން މި މުބާރާތުގައި ވާދަނުކުރަނީ، ރޭންކިންގެ ފުލުގައި އޮތް ނަމަވެސް، ސޭން މެރީނޯ އަކީ ޔޫރަޕަށް ނިސްބަތްވާ ޤައުމަކަށްވުމުން އެ ގައުމާ ދެކޮޅަށް، ޔޫރަޕުގައި މި މަހުގެ ފަސްވަނަ ދުވަހު މެޗެއް ކުޅެން ތާވަލުކޮށްފައި އޮތުމުންނެވެ.
މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މުބާރާތަކީ ބަންގްލަދޭޝްއަށް މުހިންމުކަން ކުޑަ މުބާރާތެއްތޯ ނުވަތަ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާއެއް ހޯދައިދިނުމުގެ ބޭނުމުގައި ބައިވެރިވި މުބާރާތެއްތޯ އަހައި "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެމުން ކޯޗު މަރްފުލް ބުނީ، ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން އެގޮތަށް އެކަން ސިފަކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން އަންނަނީ އެހެން (މިއީ ތަޖުރިބާ ދަތުރެކޭ ބުނެ) ވާހަކަދައްކަމުން. އެކަމަކު އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އެންމެފުރަތަމަ ބޭއްވި ޓްރެއިނިން ސެޝަނުންގައި ވެސް ކުޅުންތެރިންނާ ވާހަކަދައްކާފަ އަހަރެން ކަނޑައެޅިން ޓާގެޓެއް. އިންޝާ ﷲ ފައިނަލުގައި އަހަރުމެން ކުޅޭނަމޭ. ތަޖުރިބާ ހޯދާކަށް ނޫން މިއައީ. އެއީ އެއް ނޫން މި މުބާރާތުގެ ބޭނުމަކީ". ކޯޗު މަރްފުލް ބުންޏެވެ.
ބަންގްލަދޭޝް އިން މި މުބާރާތަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެ ޓީމުގެ ކޯޗު ރައްދުދީފައިވާއިރު، ބަންގްލަދޭޝް ދަރިފަސްކޮޅަށް ނިސްބަތްވާ ޤައުމުން ބޭރުގައި ދިރިއުޅޭ އެއްވެސް ކުޅުންތެރިއަކު މި މުބާރާތަށް އެކުލަވާލި ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
ބަންގްލަދޭޝް އަކީ ޤައުމުން ބޭރުގައި ދިރިއުޅޭ، އެ ގައުމަށް ކޮންމެވެސް ގޮތަކުން ނިސްބަތްވާ ކުޅުންތެރިން ހޯދައިގެން އެ ގައުމުގެ ކުޅުންތެރިންގެ ގޮތުގައި އެ ކުޅުންތެރިން ކުޅުވައި، ޓީމު ވަރުގަދަކޮށް، އެ ގައުމުގެ ފުޓުބޯޅަ އައު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެކެވެ.
މާދަމާ ފަށާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝާއި ޕާކިސްތާނެވެ. މި މެޗު ފަށާނީ ހަވީރު 16:00 ގައެވެ.