ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުސް އޮފިސަރުންގެ އަގުވަޒަންކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖިނާއީ ބޮޑެތި މައްސަލަތަށް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދެއްވާފައެވެ.
ވޭތުވެދިޔަ 5 އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ 117 އޮފިސަރަކަށް މިއަދު ވަނީ ހަނދާނީ ލިޔުން ދެއްވާފައިވާއިރު، މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި އޮފިސަރުން ދެއްކި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށްދޭ އަހަންމިއްޔަތު ފާހަގަކުރައްވައި އެއޮފިސަރުނަށް ސީޕީ ވަނީ ތައުރީފުކުރައްވާފައެވެ. މީގެ އިތުރުން ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްޞީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންސާފު ގާއިމުކުރުމުގެ އިތުރުން މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޖިނާއީ ތަހުގީގުތަކާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ފުލުހުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައިވާއިރު، ކުރިއަށް އޮތްތަނުގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުންވެސް އޮންނާނެކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.