ތަޢުލީމު

ދަރުމަވަންތަ ސްކޫލްގެ ބާ އިމާރާތް ތަޅާލަން ބަޔަކާ ޙަވާލުކޮށްފި


ދަރުމަވަންތަ ސްކޫލްގެ ބާއިމާރާތް ކޮންޓްރެކްޓް އުޞޫލުން ތަޅާލުމަށްޓަކައި އަމިއްލަ ކުންފުންޏަކާއި މިއަދު ހަވާލުކޮށްފިއެވެ.

މި ޢިމާރާތް ތަޅާލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އައި.އެސް.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދަރުމަވަންތަ ސްކޫލްގެ ޢިމާރާތް ތަޅާލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާޙީމް އިސްމާޢީލް ޢަލީއެވެ. އަދި އައި.އެސް.އެޗް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޙުސައިން ފިޔާޒެވެ.

ދަރުމަވަންތަ ސްކޫލްގެ ޢިމާރާތް ބާވެ ހަލާކުވުމާއި ގުޅިގެން، އެ ސްކޫލްގެ އައު ޢިމާރާތެއް ބިނާކުރެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި، މި މަޝްރޫޢުގެ ދަށުން، އެ ސްކޫލްގެ ބާ ޢިމާރާތް ތަޅާލުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިވަނީ ފަށްޓަވާފައެވެ. ދަރުމަވަންތަ ސްކޫލްގެ ބާ ޢިމާރާތުގެ ގޯތިތެރޭގައި ހުރި 3 ޢިމާރާތެއް ތަޅާލުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ހަވާލުކުރައްވާފައިވަނީ އައި.އެސް.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި 3 ޢިމާރާތް ތަޅާލުމަށް 2 މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެއެވެ. އަދި، މި މަސައްކަތަށް ގާތްގަޑަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދަރުމަވަންތަ ސްކޫލްގެ ބާ ޢިމާރާތް ތަޅާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙީމް އިސްމާޢީލް ޢަލީ ވިދާޅުވީ އެ ޢިމާރާތް ތަޅާލުމަށްފަހު، އެތަނުގައި އާ ސްކޫލެއް ބިނާކުރެއްވުމަށް ވާންޖެހޭ ތައްޔާރީތައް އެ މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. ދަރުމަވަންތަ ސްކޫލްގެ ބާ ޢިމާރާތް ހުރި ބިމުގައި ދެން ބިނާކުރައްވާ އައު ޢިމާރާތަކީ، ގާތްގަނޑަކަށް 1،500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އާ ޢިމާރާތުގެ މަސައްކަތް ނިމުމުން ދަރިވަރުންނަށް އެތަނުން ވަޞީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދަރުމަވަންތަ ސްކޫލްގެ ޢިމާރާތް ބާވެ ހަލާލުވުމާއި ގުޅިގެން އެ ސްކޫލްގެ ދަރިވަރުން މިހާރު ތަޢުލީމް ޙާޞިލްކުރަމުންދަނީ، ވެލާނާގެ ކައިރީގައި އޮތް ހުސްބިމެއްގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ވަގުތީ ސްކޫލެއްގައެވެ.