ޚަބަރު

ފަސް މެޗުވެސް ކާމިޔާބުކޮށް، ދެކުނުގެ ޗެމްޕިއަންކަން ގައްދުއަށް


  • އެންމެފަހުން ކުޅުނު މެޗުގައި ފޭދޫ އަތުން ގައްދޫ މޮޅުވީ 0-4 އިން

  • ދިވެހި ލީގު ޕްލޭއޮފްގެ ފަހު ޖާގަ ލިބެނީ ގައްދުއަށް

ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ ރީޖަނަލް ލީގުތަކުގެ ސައުތު ރީޖަންގެ ޗެމްޕިއަންކަން، ގދ.ގައްދޫއިން ހޯދައިފިއެވެ.

ގައްދޫއިން ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔެ ސ.ފޭދޫ އާ ދެކޮޅަށް ކުޅުނު މެޗު، 0-4 ގެ ނަތީޖާއިން ކާމިޔާބުކުރުމާއެކު، ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްގެނެވެ.

މެޗުގައި ގައްދޫއިން ކާމިޔާބުކުރި ހަތަރު ލަނޑުވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ގޯލެއް ފެނިފައެއް ނުވެއެވެ.

ގައްދޫގެ ފުރަތަމަ ދެ ލަނޑު، 53 ވަނަ މިނެޓު އަދި 64 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޢަލީ މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އޭނާއަށެވެ. ގައްދޫގެ ތިންވަނަ ލަނޑު، ލިބުނު ކޯނަރަކުން މެޗުގެ 66 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، އެޓީމުގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 90 ވަނަ މިނެޓުގައެވެ.

މިއާއެކު، ގައްދޫއިން މިވަނީ ލީގުގައި ބާކީ އެއް މެޗު އޮއްވައި ސައުތު ރީޖަން ލީގުގެ އައްޑަނަ ކަށަވަރުކޮށްފައެވެ. އެޓީމާ އެންމެ ގާތުން ވާދަކުރި ލ.ގަމަށް، ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ފޭދޫ އޮތީ ހަ މެޗުން ލިބުނު 5 ޕޮއިންޓާއެކު ތިންވަނައިގައެވެ. ފުލުގައި އޮތް ލ.ކުނަހަންދޫއަށް މުބާރާތުގައި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ސައުތު ރީޖަންގެ ޗެމްޕިއަންކަން ހޯދުމާއެކު، ގައްދޫއަށް މިވަނީ ދިވެހި ލީގު ޕްލޭއޮފް ބުރުގެ ފަހު ޖާގަ ލިބިފައެވެ. ޕްލޭއޮފް ބުރުގައި ވާދަކުރާނީ 6 ޓީމެކެވެ. އެއީ، ސައުތު ރީޖަންގެ ޗެމްޕިއަން ގދ. ގައްދޫގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީސީ ސްޕޯޓްސް ކްލަބާއި 8 ވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫގެ އިތުރުން ސެންޓްރަލް ލީގުގެ ޗެމްޕިއަން ކ. ހުރައެވެ.