ޚަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ އަޙްމަދު ނާޝިދު ނިޔާވެއްޖެ


"ޒީރޯ ޑިގްރީ އެޓޯލް"އިން މަޤްބޫލުކަން ހޯދި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޙްމަދު ނާޝިދު ނިޔާވެއްޖެއެވެ. އަޙްމަދު ނާޝިދު ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ދިވެހިރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދިން އަޙްމަދު ނާޝިދު ނުވަތަ މަޝްހޫރު ނަމުންނަމަ ޒީރޯ ޑިގްރީ ނާޝިދަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ލެޖެންޑެއްގެ ގޮތުގައި ގިނަބަޔަކު ދެކޭ ފަރާތެކެވެ. ނާޝިދަކީ އެންމެ ކުޑައިރުއްސުރެވެސް މިއުޒިކަށް ލޯބިކުރި ފަރާތެކެވެ. ނާޝިދު އާންމުންގެ މެދުގައި މަޤުބޫލްވެގެންދިޔައީ އޭނާ 1987 ވަނަ އަހަރު ރިސޯޓް މިއުޒިކް ކުޅެން ފެށުމުންނެވެ. އޭރު ހޯމް މިނިސްޓްރީން ރާއްޖޭގެ ރީތިކަން ހާމަކޮށްދީ ރާއްޖެ އިޝްތިހާރު ކުރުމަށް ހެދި ލަވަ ރީތި ހަނދުވަރުގައި އިވިގެންދާ އެއް އަޑަކީވެސް ނާޝިދުގެ އަޑެވެ. މީގެ އިތުރުން ދިވެހިންގެ އަމިއްލަ މިއުޒިކީ އުފެއްދުމަކަށް ރާއްޖެއިންނާ ރާއްޖެއިން ބޭރުންވެސް އެންމެ ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވަނީ ޒީރޯ ޑިގްރީގެ ފުރަތަމަ އަލްބަމް "ދޯނި" އެވެ. މި އަލްބަމް އުފެއްދުމުގެ އެއް މޭސްތިރިއަކީ ނާޝިދުއެވެ. މި އަލްބަމްގެ ލަވަތައް މިހާރުވެސް ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި މަޤުބޫލް ލަވަތަކެއްގެ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ.

މި އަލްބަމްގެ މަސައްކަތް ޒީރޯ ޑިގްރީން ފަށާފައިވަނީ 1988 ވަނަ އަހަރުއެވެ. 1990 ވަނަ އަހަރު ރިލީޒްކޮށް ދިވެހި މުއުޒިކަށް އިންޤިލާބެއް ގެނުވި މިއަލްބަމް އުފެއްދުމަށް އެ ބޭންޑުންވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްފައެވެ. އެ ދަތުރުގައި އެމީހުން، އަލްބަމަށް ބޭނުންވާ ގުދުރަތީ އަޑުތަކާއި ރައްފުށުގެ ދިރިއުޅުމުގެ އާއްމު އަޑުތަކާއި ރާގުތައް ރެކޯޑު ކޮށްފައިވެއެވެ. މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިއުޒިކް އުފެއްދުމުގައި ތަފާތު ޚިޔާލެއް އައީ ކުޑައިރު ނާޝިދުގެ މާމަ ބަތްޕޮޅިން ހަނޑޫ ފޮޅާ އަޑުއިވި އޭރުއްސުރެ އެއަޑަކީ އޭނާގެ ކަންފަތުގައި ހަރުލި ރީތި އަޑަކަށްވާތީ އެފަދަ އަޑުތައް ބޭނުންކޮށްގެން މައުޒިކް އުފެއްދުމުގެ ޝައުގުވެރިކަން ހުރުމުން ކަމުގައި ނާޝިދު ވަނީ ޓީވީއެމްއާއި އޭނާ ހިއްސާކުރި އޭނާގެ އިންޓަވިއުއެއްގައި ބުނެފައެވެ.

ޒީރޯ ޑިގްރީގެ ދޯނީ އަލްބަމްގެ އިތުރުން ނާޝިދުވަނީ 1993 ވަނަ އަހަރު އޭނާ އުފެއްދި ސޯލޯ އަލްބަމް ބަރޑް އިން ފްލައިޓްގައިވެސް ގުދުރަތީ އަޑުތައް ބޭނުން ކޮށްގެން މިއުޒިކް އުފައްދާފައެވެ. މި އަލްބަމުން އޭނާއަށް އޮސްޓްރޭލިއާ އަދި އެމެރިކާގެ މިއުޒިކް އެވޯޑްތަކުގައި ބެސްޓް އެކޯސްޓިކް މިއުޒިކްގެ އެވޯޑް ލިބިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި ބޭއްވި އެކި އެވޯޑްތަކުގައިވެސް ނާޝިދު ކާމިޔާބީ ޙާސިލްކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެވޯޑްވެސް ނާޝިދަށްވަނީ ލިބިފައެވެ. މިއުޒިކް އިންޑަސްޓްރީގެ ގިނަބައެއްގެ ލޯބި ހޯދާ އާންމުންގެ ބޮޑު މަޤުބޫލްކަން ހޯދި ނާޝިދު މިއުޒިކް އިންޑަސްޓްރީއާއި ކޮންމެވެސް ވަރަކަށް ދުރަށްޖެހިލީ އޭރު އޭނާގެ ބަލި ހާލަތު ހުރިގޮތުންނެވެ. ކިޑްނީގެ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ތަޙައްމަލު ކުރަމުންއައި ނާޝިދު، ނިޔާވީ ހާލު ސީރިއަސްވެގެން އޭޑީކޭއަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. ނާޝިދަށް ކެންސަރު ޖެހިފައިވާކަން އެނގުނީއްސުރެ އޭނާދިޔައީ ސްރީލަންކާގައި އެބައްޔަށް ފަރުވާ ހޯދަމުންނެވެ. ނާޝިދު ނިޔާވިއިރު ޢުމުރަކީ 53 އަހަރެވެ.