އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދުވެސް ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރަކީ، ޢީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުންދާ ދުވަސްވަރެކެވެ. ޢީދުގެ ކުޅިވަރުތައް ބަލާލުމަށް މާލެއިން ގިނަ ބަޔަކު ވަނީ، އެކި ރަށްރަށަށް ގޮސްފައެވެ. އަދި ރަށްރަށުން އެތަށް ބަޔަކުވަނީ މާލެއަށް އައިސްފައެވެ.
ބަންދު ދުވަސްތަކަކަށްފަހު މާދަމާއަކީ އަނެއްކާވެސް ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި، ސްކޫލުތައް ހުޅުވޭ ދުވަހަށް ވުމާއެކު، ޗުއްޓީއަށް އެކި ތަންތަނަށް ދިޔަ ފަރާތްތަކުން މިހާރުވަނީ އެނބުރި މާލެއަށް އަންނަން ފަށާފައެވެ. އަދި މާލެއަށް އައި މީހުންވަނީ އެނބުރި ރަށްރަށަށް ދާން ފަށާފައެވެ.
ޢީދު ބަންދަށް މީހުން ތަންތަނަށް ދަތުރުކުރަމުންދާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ރާއްޖޭގެ މޫސުމަށް ބަލާލާއިރު، މިއަދުވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި، ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ ޢިލްތިމާސް ކުރައްވާފައެވެ.