ޚަބަރު

ބަލިވިޔަސް، ކުޅުންތެރިންގެ ހިތްވަރާއި ކުރި މަސައްކަތާ މެދު ފަޚުރުވެރިވޭ: ޞަބާޙް


  • ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 2-4 އިން

  • ބަންގްލަދޭޝް އަކީ ފާއިތުވީ ދެ އަހަރުގެ ޗެމްޕިއަނުން

މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ކުޅުނު ދެވަނަ މެޗުން ވެސް ބަލިވި ނަމަވެސް، ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާއި ކުރި މަސައްކަތްތަކާ މެދު ފަހުރުވެރިވާކަމަށް ޤައުމީ އަންހެން ޓީމުގެ ހެޑް ކޯޗު ޞޮބާޙު މުޙައްމަދު ބުނެފިއެވެ.

މި މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝްއާއި އިންޑިއާ އާ އެއް ގުރޫޕެއްގައެވެ. މިއީ މި ސަރަހައްދުގައި، އަންހެނުންގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ދެ ބާރެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ވަނީ އިންޑިއާ އަތުން 0-11 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 2-4 އިން ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިވިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ސޮބާޙް ބުނީ، މިއީ ފަސޭހަ ނަތީޖާއެއް ނޫން ނަމަވެސް، ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. ކުޅުންތެރިންގެ ކެރެކްޓަރ އާއި ކުރި ހިތްވަރާއި، މޮޅުވުމުގެ ރޫހު ނެރެގެން، މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ގައުމުކަމަށްވާ ބަންގްލަދޭޝްއާ ދެކޮޅަށް ދިވެހި ކުޅުންތެރިން ދެއްކި ކުޅުމާމެދު ނުހަނު ފަހުރުވެރިވާކަމަށާއި، ފަހު ސިކުންތާ ޖެހެންދެން ވެސް ނަތީޖާ ނެރެން ދިވެހި ކުޅުންތެރިން މަސައްކަތްކުރިކަމަށް ސޮބާޙް ބުންޏެވެ.

ސާފް ސަރަހައްދުގެ އެންމެ މޮޅު އެއް ޓީމު އަތުން ރާއްޖެ ބަލިވުމުން ބައެއް ފަރާތްތަކުން މަލާމާތްކުރި ނަމަވެސް، މެޗަށް ދަނޑަށް ނުކުތުމާ ހަމައަށް ވެސް ދިވެހި ޓީމުން ކުރަން ޖެހުނީ އުނދަގޫ، އަޑިގުޑަން ގިނަ ދަތުރެއްކަން ކޯޗު ހާމަކުރިއެވެ. އެގޮތުން، މުބާރާތަށް ކުރި ދިގު ދަތުރަށްފަހު އިންޑިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރިކަވަރ ވުމަށް 24 ގަޑިއިރު ވެސް ނުލިބޭކަން ކޯޗު ހާމަކުރިއެވެ.

މުބާރާތުގައި ބައިވެރިވެލަން އަންނަ ޓީމަކާއި ވަރުގަދަ އަޒުމެއްގައި، މޮޅުވުމަށް ނުކުންނަ ޓީމަކާ ވަރަށް ބޮޑު ތަފާތެއް ހުންނާނެކަން ކޯޗު ފާހަގަކުރިއެވެ.

ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅައިގައި ދެމެހެއްޓެނިވި ތައްޔާރީތަކެއް ނުވެވޭކަން ފާހަގަކޮށް، އިންޑިއާއާއި ބަންގްލަދޭޝް ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުތުން މިއީ ފަސޭހަކަމަށް ނުވާނެކަން އެއީ ހަގީގަތް ކަމަށާއި، އެ ގައުމުތަކުން ސަރަހައްދީ ބާރުތަކަކަށްވީ އެއް ރެއިން ނޫންކަން ކޯޗު ފާހަގަކުރިއެވެ. އެއީ އެ ގައުމުތަކުން އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތްތަކާއި، ހެދި ޕްލޭންތަކާއި ކުރި ކުރި އިންވެސްޓްމެންޓުގެ ނަތީޖާކަން ވެސް ކޯޗު ފާހަގަކުރިއެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް "މާހިރުން" މެދުކެނޑުމެއްނެތި ޓީމަށް ކުޑައިމީސްކުރާތީ އެކަމާ ހިތާމަކުރާ ކަމަށާއި ސަރަހައްދީ ފުޓުބޯޅަ އަދިވެސް އޮތީ މީޣެ އެތައް އަހަރެއްކުރިން އޮތް ހިސާބުގައިކަމަށް އެ ފަރާތްތަކަށް ގަބޫލުކުރެވޭކަމަށް ސޮބާޙް ބުންޏެވެ. އެހެންނަމަވެސް ހަގީގަތަކީ، ރަނގަޅު ޕްލޭނެއްގެ ދަށުން އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން އެ ގައުމުތައް، ރާއްޖެއަށްވުރެ އެތައް ގުނައެއް ކުރިއަރާފައިވުންކަމަށް ކޯޗު ސޮބާހް ބުންޏެވެ.

މުޅި ދުނިޔޭގައި ވެސް ހަލުވި ދުވެއްޔެއްގައި ފުޓުބޯޅަ ދަނީ ކުރިއަރަމުން ކަމަށާއި، މަތީ ފަންތީގައި ނުވަތަ ބަންގްލަދޭޝް އާއި އިންޑިއާ ފަދަ ގައުމުތަކާ އެއް ހަމައެއްގައި ވާދަކުރަން ބޭނުންވާ ނަމަ، ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ޕްލޭނެއް އެކުލަވާލައި، ރަނގަޅު ސަޕޯޓެއް ލިބިގެން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ރާއްޖެއިން މަސައްކަތްތަކެއް ކުރަންޖެހޭކަން ކޯޗު ސޮބާޙް ފާހަގަކުރިއެވެ.

މި ހުރިހާ ކަމަކާއެކު ވެސް، ފަހު މިނެޓާ ހަމައަށް ވެސް ދިވެހި ކުޅުންތެރިން ކުރި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި ތައުރީފު ނޫން އެއްޗެއް އެ ކުޅުންތެރިންނަށް ނެތްކަމަށް ކޯޗު ސޮބާޙް ބުންޏެވެ.