ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ 18 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޒުވާން ފިރިހެން ޤައުމީ ޓީމުން، ލޯ މެޑަލް އާއިއެކު މުބާރާތް ނިންމާލައިފިއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ގައުމަކުން ވާދަކުރިއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ.
ރާއްޖެއިން ލޯ މެޑަލް ހޯދީ، މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 12-20 ޕޮއިންޓުން ކުރީގައި އޮތީ ރާއްޖެއެވެ. މި މެޗުން ރާއްޖެ މޮޅުވީ 59-62 ޕޮއިންޓުންނެވެ.
މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 88-48 އިން ބަލިވެފަ އެވެ. އަދި، ލީގު ބުރުގައި އިންޑިއާ އަތުން 130-60 އިން ރާއްޖެ ބަލިވިއިރު، ސްރީ ލަންކާ އަތުން ބަލިވީ 132-42 އިންނެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދީ 78-56 އިން ސްރީ ލަންކާ ބަލިކޮށްގެންނެވެ.
ސާބާ ކޮލިފަޔާސްގެ އަންހެން ޑިވިޝަނުގައި ކުޅުނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އެވެ. ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެއީ، ސްރީ ލަންކާ އަތުން 74-44 އިންނާއި އިންޑިއާ އަތުން 110-24 އިންނެވެ. ރޭ ކުޅުނު ފައިނަލުގައި، ސްރީ ލަންކާ އަތުންް އިންޑިއާ މޮޅުވީ 57-87 އިންނެވެ.