ނޭޕާލްގެ ކަތުމަންޑޫގައި މިމަހުގެ 22-29 އަށް ކުރިއަށްދިޔަ ކާވާ ވިމެންސް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން އިރާނުން ހޯދައިފިއެވެ. އިރާނުން ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި 1-3 ސެޓުން ކަޒަކިސްތާން ބަލިކުރުމަށްފަހުއެވެ.
އިރާނުން ފައިނަލް މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 18-25، 15-25 އަދި 21-25 އިންނެވެ. ކަޒަކިސްތާނުން މެޗުގެ ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 19-25 އިންނެވެ. އިރާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދިނަމަވެސް މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ ގެ ރޭންކިންގެ އެންމެ މަތީގައި އޮތީ މުބާރާތުގެ ދެވަނަ، ކަޒަކިސްތާނެވެ. އެގޮތުން، އެފްއައިވީބީ ރޭންކިންގގެ 37 ވަނައިގައި އެޓީމު އޮތްއިރު، މުބާރާތުގެ ޗެމްޕިއަން، އިރާން އޮތީ އޭގެ 4 ދަރަޖަ ދަށުގައި، 41 ވަނައިގައެވެ.
މުބާރާތުގެ ތެރެއިން މުޅިން އަލަށް ރާއްޖެ އެފްއައިވީބީ ރޭންކިންގގައި ހިމެނުނެވެ. ރާއްޖެ ފުރަތަމަ ރޭންކުކޮށްފައި އޮތީ 63 ވަނައިގައި ނަމަވެސް، މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗެއް ކާމިޔާބުނުކުރެވުމުން 73 ވަނައަށް ވެއްޓުނެވެ. ނަމަވެސް މުބާރާތް ނިމުނުއިރު ރާއްޖެ އޮތީ ދުނިޔޭގެ 71 ވަނައިގައެވެ.
ފައިނަލް މެޗުގެ އިތުރުން، އިއްޔެ ވަނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ކުޅެފައެވެ. މިމެޗުގައި ނޭޕާލާ ވާދަކޮށް، އިންޑިއާއިން މެޗު ކާމިޔާބުކޮށްފައިވަނީ 1-3 ސެޓުންނެވެ. އިންޑިއާގެ ސެޓުތައް، 22-25، 23-25 އަދި 22-25 އިން ގެންގޮސްފައިވާއިރު، ނޭޕާލް ޓީމުން މެޗުގެ ތިނަވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 15-25 އިންނެވެ.
މިއާއެކު، މުބާރާތުގެ ޗެމްޕިއަންކަން އިރާނަށް އަދި ދެވަނަ ކަޒަކިސްތާނަށް ލިބޭއިރު، އިންޑިއާއަށް ލިބިފައިވަނީ މުބާރާތުގެ ތިންވަނައެވެ. މުބާރާތް ބޭއްވި ގައުމުކަމަށްވާ ނޭޕާލްއަށް މުބާރާތުގެ ހަތަރުވަނަ ލިބުނުއިރު، މުބާރާތުގެ ފަސްވަނަ ލިބިފައިވަނީ ކިރްގިސްތާނަށެވެ. ލަންކާއަށް ހަވަނަ ލިބޭއިރު، ރާއްޖެއަށް ލިބިފައިވަނީ ހަތްވަނައެވެ. އަދި ފުލުގައި އޮތީ ބަންގްލަދޭޝްއެވެ.