ބާސެލޯނާ އަށް ކުޅުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފަނެއް ކަމަށާއި އެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށް އިނގިރޭސި ފޯވަޑް އެންތަނީ ޖޯޑަން ބުނެފި އެވެ.
ނިއުކާސަލްއިން އޭނާ ބާސެލޯނާ އަށް ބަދަލުވީ 80 މިލިއަން ޔޫރޯ އަށެވެ. އަދި ބާސެލޯނާއާއެކި ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ބާސެލޯނާގެ އޮފާ ލިބުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނު. ސަބަބަކީ މިއީ އަހަރެން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނަކަށްވާތީވެ. މި ބަދަލަކީ ހުވެފެން ހަގީގަތަކަށްވުމެއް،" ގޯޑަން ބުންޏެވެ.
އޭނާ އަދި ބުނީ ބާސެލޯނާގައި ލަމީން ޔަމާލް އާއި އެހެން ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހިތްހަމަ ޖެހުމެއް ކަމަށެވެ.
"މިއީ އަބަދަލު ލިބޭނެ ފުރުސަތެއް ނޫން. ލަމީން ޔަމާލް އާއި އެހެން ކުޅުންތެރިންނަށް ބަލާއިރ މިތިބީ މުޅިން ވެސް މޮޅު ކުޅުންތެރިން. މި ޓީމުގައި ކުޅުމަކީ ވަރަށް ބޮޑު ޝަރަފަކަށްވާނެ. އަދި ވަރަށް ބޮޑު ޒިންމާއެއްވެސްމެ،" ޖޯޑަން ބުންޏެވެ.
އޭނާ އަކީ އަންނަ ސީޒަނަށް ބާސެލޯނާ ވަރުގަދަ ކުރަން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ކުލަބުން މިހާރު މަސައްކަތް ކުރަމުންދަނީ އެތްލެޓިކޯގެ މެޑްރިޑުގެ ހޫލިއަން އަލްވަރާޒް ގަތުމަށެވެ. މިކަމަށްޓަކައި އެތްލެޓިކޯ މެޑްރިޑަށް މިހާރު ވަނީ 100 މިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. ނަމަވެސް މަދުވެގެން 150 މިލިއަން ޔޫރޯ އަށް އެތްލެޓިކޯ އިން ޑިމާންޑް ކުރާއިރު ކުޅުންތެރިޔާ ވަނީ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާކަން ކުލަބަށް އަންގައިފަ އެވެ.