ފުޓްބޯޅަ އަކީ ދިވެހިންގެ އެއްވަނަ ކުޅިވަރެވެ. ހާއްސަކޮށް ދިވެހި ގައުމީ ޓީމު ކުޅޭ ނަމަ ދިވެހިން ނަގާ ފޯރިއަކީ މި ސަރަހައްދުގައި ވެސް ފާހަގަ ކުރެވޭ ހަރަކާތްތަކެވެ. އަންނަ ހޯމަ ދުވަހަކީ އަނެއްކާ ވެސް މި ފަދަ ޖޯޝާއި ފޯރި ނެގުމަށް ދިވެހި ގައުމީ ޓީމު ސަޕޯޓަރުންނާ ބައްދަލު ކުރާ ފަހަރެކެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް މާލޭގައި ގައުމީ ޓީމު ނުކުންނާނީ މި ސަރަހައްދުގެ ހަތަރު ގައުމަކާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަ ކުރާނީ ޕާކިސްތާނާއި ބަންގަލޭޝް އާއި އަފްޢާނިސްތާނެވެ.
މި ތިން ގައުމުގެ ތެރެއިން ޕާކިސްތާނަކީ އަބަދުވެސް ރާއްޖެ އަށް ހާއްސަ ގައުމެކެވެ. ދިވެހިން ފުޓްބޯޅަ ސަރަހައްދީ ތައްޓެއް ހޯދަން މާބަނޑުން ނުކުތީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ބަލިވުމުންނެވެ. އޭގެ 17 އަހަރު ފަހުން ރާއްޖެ އާއި ލަންކާ ހިއްސާ ވެގެން ބޭއްވި މުބާރާތުގެ ތަށި ހޯދަން ގަލޮޅު ދަނޑުގައި ރާއްޖެ ކެމްޕޭން ފެށީ ޕާކިސްތާން 0-3އިން ބަލި ކުރުމަށްފަހުއެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވެސް އަދި ގައުމުން ބޭރުގައި ވެސް މިހާރު ޕާކިސްތާން ބަލި ކުރުމަށް ރާއްޖޭގެ އާދައެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ތަރުހީބާއި އަލުގަނޑުމެންގެ ކުޅުންތެރިންގެ ހުނަރު ތަރައްގީވުމެވެ. އަލީ އަޝްފާގު ދިވެހި ސަޕޯޓަރުންނަށް ގޮވާލީ އަނެއްކާ ވެސް މިކަން ތަކުރާރު ކުރުމަށް ގަލޮޅު ދަ ނޑަށް ޖަމާވުމަށެވެ.
ސަރަހައްދީ ފުޓްބޯޅައިގައި ބަނގްލަދޭޝް އަކީ އަބަދުވެސް ދިވެހިންނާ ވާދަވަރި ބައެކެވެ. އެކަމަކު އެ މީހުން ބަލި ކުރުމުގެ ސިލްސިލާ ދިވެހިން ފެށީ ގަލޮޅު ދަނޑުނެވެ. ރާއްޖޭގެ ފުޓްބޯޅަގެ ރަންޔޫބީލް ފުޓްބޯޅަ މުބާރާތުގައި. ތޮއްޑޫ މުހައްމަދު ނިޒާމް ޖަހައިދިން ހަމައެކަނި ލަ ނޑުން މޮޅުވެ ރާއްޖެ އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ދިވެހިން ހެއްވާލަމުންނެވެ. އެދުވަހު ސަޕޯޓަރުން ގައުމީ ޓީމަށް ދިން ތަރުހީބަށް އެދި ގެން މިއަދު އަހަރުމެން ފަހުރުވެރިކޮށްދޭން އެހުރީ ޒުވާން ތަރި މުހައްމަދު އިލާން އިމްރާނެވެ.
އަފްގާނިސްތާނަކީ ވާދަވެރި ގައުމެކެވެ. ސާފް ޗެމްޕިއަންޝިޕުގައި އަހަރުތަކެއް ވަންދެން ޑޮމިނޭޓް ކުރުމަށްފަހު އެ މީހުން ރާއްޖޭގައި އެންމެ ފަހުން ކުޅުނީ އޭއެފްސީ ޗެލެންޖެ ކަޕްގައެވެ. އޭޝިޔާގެ މުބާރާތަކުން ރާއްޖެ އެންމެ ފުރަތަމަ މެޑެއްޔެއް ހާސިލް ކުރީ މާލޭގައި 2014 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން އަފްޢާނިސްތާން ބަލި ކުރުމަށްފަހުއެވެ.
އެ ހަނދާންތައް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ ހިތުގައި އަދިވެސް އެބަހުއްޓެވެ. އަދި އެފްއޭއެމުގެ މިހާރުގެ ރައީސް އަހުމަދު ތޯރިގަކީ އަފްޢާނިސްތާން ކޮޅަށް އަހަރުމެން ނުވަ ލަނޑު ޖެހި މެޗުގައި ވެސް ދިވެހިން އުފާކޮށްދިން ކުޅުންތެރި އެކެވެ.
މިހެންވެ އަނެއްކާ ވެސް މި ޓީމުތައް ބަލިކުރަން ގަލޮޅު ދަނޑަށް ޖަމާވުމަކީ ކުޅުންތެރިން އެދޭގޮތް. އަލިމަސްޔޫބީލް މުބާރާތަކީ ދިވެހިންގެ ފުޓްބޯޅައިގެ ފޯރިއާއި ޖޯޝް، ދިވެހިންގެ ހުނަރާއި ފަންވަރު ދައްކުވައިދޭނެ މުބާރާތެކެވެ.