ޚަބަރު

ފައިސާ ފޭރުނު މައްސަލައިގަ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް


މާލޭގައި ހުންނަ ވެސްޓަރން ޔޫނިއަނުން ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަތް މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލްކޯޓުން އިތުރުކޮށްދެއްވައިފިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަރން ޔޫނިއަނަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނުމަށްފަހު އެތަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެގެން ފިލާފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަދުވަހުގެ ރޭގައެވެ.

ވެސްޓަރން ޔޫނިއަނުން ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް އެތަނުން ފޭރިގަން މީހުން ފިލަން ދުވި މަގުމަތިންނާއި ފިލަން ގޮސް ވަން އިމާރާތުގެ ތެރެއިން ބައެއް ފައިސާ ފެނިފައިވެއެވެ. ފުލުހުން ވަނީ ވެސްޓަރން ޔޫނިއަނުން ފޭރިގަނެފައިވާ ފައިސާގެ ތެރެއިން މިހާތަނަށް 1.1 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ތިންސަތޭކަ އެކާވީސް ހާހަށްވުރެ ގިނަ ޑޮލަރު ހޯދާފައެވެ.