ޚަބަރު

ވަޠަނީ ޚިދުމަތް: މައިންބަފައިންގެ ހިތުގެ ފަޚުރާއި ޤައުމީ ޝަރަފް


  • ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އައިކަން ބެލެނިވެރިން ފާހަގަކުރި

  • ބެލެނިވެރިންގެ ވާހަކަތަކުން އެނގެނީ އެމީހުން މި ޚިދުމަތަށް ކުރާ އިޙްތިރާމް

ވަޠަނީ ޚިދުމަތަކީ، ކޮންމެ ދިވެހި ދަރިއެއްގެ ލޭގައި ދައުރުވާންޖެހޭނެ އެންމެ މަތިވެރި އިޙްސާސެވެ. އެއީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމެއް ނޫނެވެ. އެއީ، ތިމާ އުފަންވި ފަސްގަނޑަށާއި، ތިމާގެ ދީނާއި، އާދަކާދަތަކަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކުރެވޭ މާތް މަސައްކަތްތަކެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ ސަފުޙާތަކަށް ނަޒަރު ހިންގާލާއިރު، މި ކުޑަކުޑަ ޖަޒީރާ ރާއްޖެ މިއަދާ ހަމައަށް މިނިވަންކަންމަތީ ދެމިއޮތުމުގެ އަސްލަކީވެސް އިޚްލާޞްތެރި ވަޠަނީ ޚިދުމަތްތެރިން ކުރެއްވި މިންނެތް މަސައްކަތްޕުޅެވެ.

ދިވެހިރާއްޖޭގައި ވަޠަނީ ޚިދުމަތުގެ ބިންގާ

ދިވެހިރާއްޖޭގެ ވަޠަނީ ޚިދުމަތުގެ ބިންގާ އެޅިފައިވަނީ، އިސްލާމީ ވަހުދަތާއި ދިވެހިވަންތަކަމުގެ މައްޗަށެވެ. އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ފަދަ ބަތަލުންގެ ޒަމާނުން ފެށިގެން، ޤައުމުގެ ދިފާޢުގައި ނުކުތުމަކީ ދިވެހިންގެ ތެރޭގައި އޮތް އެންމެ މަތިވެރި ސިފައެވެ. ޒަމާނަށް އައި ބަދަލާއެކު، ވަޠަނީ ޚިދުމަތުގެ މާނަ މިއަދު ވަނީ ފުޅާވެފައެވެ. އެއީ، ހަމައެކަނި ހަތިޔާރު އެޅި ސިފައިންނެއް ނޫނެވެ. ޤައުމުގެ ސަލާމަތާއި، އަމަންއަމާންކަމާއި، އިޖުތިމާޢީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ކޮންމެ ދިވެހި ދަރިއަކީ ވަޠަނީ ޚިދުމަތްތެރިއެކެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގައި އަދަބުވެރިކަމާއި، ކިޔަމަންތެރިކަމާއި، ޒިންމާދާރުކަން އަށަގަނެއެވެ.

މައިންނާއި ބަފައިންނަށް ލިބުނު ފަޚުރެއް!

މިކަން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަަށް ބަލާލިނަމަވެސް ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އެގޮތުން މިހާތަނަށް މި ޕްރޮގުރާމުގެ އަސާސީ އަދި ފަންނީ ތަމްރީނުގެ ޕްރޮގްރާމުތައް ނިންމި ބައިވެރިން މިވަނީ، މިކަން ސާބިތުކޮށްދީފައެވެ. ވަކިން ޚާއްސަކޮށް އެ ކުދިންގެ ބެލެނިވެރިންގެ ވާހަކަތަކަށް ބަލާއިރު، އެމީހުންގެ ދަރިން ޤައުމީ ޚިދުމަތުގެ ސަފުތަކާ ގުޅުމަކީ އެމީހުންގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފު ކަމުގައި އެމީހުން ދެކެއެވެ.

"އަހަރެންގެ ދަރިފުޅު ޔުނީފޯމް އަޅައިގެން ހުންނަތަން ފެނުމުން ހިތަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަން ބަޔާންކޮށްދޭންވެސް ނޭނގޭ،" ދަރިފުޅު ސިފައިންގެ ޚިދުމަތާ ގުޅުމުން ފަޚުރުވެރިވެފައި ހުރި މައެއް ކިޔައިދިނެވެ. އޭނާގެ ލޮލުން އޮހެމުންދިޔަ އުފާވެރިކަމުގެ ކަރުނައަކީ އެކަމަށް އޮތް އެންމެ ބޮޑު ހެއްކެވެ.

"އަހަރެމެން ދަރިން ބޮޑުކުރަނީ ހަމައެކަނި އަހަރެމެންނަށް ކާންބޯންދޭކަށް ނޫން. މި ލޯބިވާ ޤައުމަށް ޚިދުމަތްކޮށްދޭން. މިއަދު އެކަން ފުރިހަމަވަމުންދާތީ އަހަރެން މިހިރީ ވަރަށް ފަޚުރުވެރިވެފައި." އޭނާ ކިޔައިދިނެވެ.

ތަމްރީނުގެ ބުރަ ދުވަސްތަކަކަށްފަހު ބާއްވާ 'ޕާސިންގް އައުޓް' ނުވަތަ 'ޓެޕް-އައުޓް' ކުރާ ވަގުތަކީ، ކޮންމެ ބެލެނިވެރިއެއްގެ ހިތަށް ބަޔާންކުރަންދަތި އަސަރުތަކެއް ކުރުވާ ވަގުތެކެވެ. ދަނޑުމައްޗަށް ނުކުމެ، ޤައުމީ ޔުނީފޯމުގައި ހުރި ތިމާގެ ލޯބިވާ ދަރިފުޅުގެ ކޮނޑުގައި އަތްލާ ވަގުތު، ގިނަ ބެލެނިވެރިން ލޮލުން ކަރުނަ ފާއްދާލައެވެ. އެއީ، ދެރަވެގެން އޮހޭ ކަރުނައެއް ނޫނެވެ. އެއީ، ހިތް ފުރިގެން ބޭރުވާ އުފާވެރިކަމާއި ފަޚުރުވެރިކަމުގެ ކަރުނައެވެ.

ފައިދާހުރި ޕްރޮގްރާމަކުން ޒިންމާދާރު ދަރިންތަކެއް!

ބެލެނިވެރިންގެ ވާހަކަތަކުން އެނގެނީ، އެމީހުން މި ޚިދުމަތަށް ކުރާ އިޙްތިރާމެވެ. "މީގެ ކުރިން ދަރިފުޅު ފެންނަނީ ކަމަކަށް ސީރިއަސް ނުވާ ކުއްޖެއްގެ ގޮތުގައި. އެކަމަކު މިއަދު އޭނާގެ ހިނގުމާއި، ވާހަކަ ދެއްކުމާއި، ބަލައިލުމުގައިވެސް އެހުރީ ވަރުގަދަ އަޒުމެއް،" އެހެން ބެލެނިވެރިޔަކު ފާހަގަކުރިއެވެ. "އަހަރެމެން މިތިބީ ވަރަށް ޕްރައުޑްވެފައި. ޤައުމަށް ޚިދުމަތް ކުރުމަކީ، ހަމައެކަނި ދަރިފުޅަށް ލިބޭ ޝަރަފެއް ނޫން، އެއީ މުޅި އާއިލާއަށް ލިބޭ ފަޚުރެއް."

ބެލެނިވެރިން ފާހަގަކުރި ގޮތުގައި، ވަޠަނީ ޚިދުމަތާ ގުޅުމުގެ ކުރިންނާއި ފަހުން ކުދިންގެ އުޅުމަށް އަންނަ ބަދަލަކީވެސް އެމީހުން ވަރަށް އުފާކުރާ ކަމެކެވެ. ގަޑިއަށް ފަރުވާތެރިވުމާއި، މީހުންނަށް އިޙްތިރާމް ކުރުމާއި، ކަންކަމުގައި އިސްނެގުމުގެ ސިފަ ދަރިންގެ ކިބައިން ފެންނަން ފެށުމަކީ، ބެލެނިވެރިންނަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. ޤައުމީ ލޯބި ހިތުގައި އުފެދުމުން، އަމިއްލަ އެދުމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރާ ދަރިންތަކަކަށް އެކުދިން ވެގެންދާކަން އެމީހުން ފާހަގަކުރެއެވެ.

ވަޠަނީ ޚިދުމަތަކީ، މުޅި ޤައުމުގެ ދިރުމެވެ. އެއީ، ޤައުމެއްގެ ބިންގަލެވެ. މިއަދު ފެންނަމުންދާ މަންޒަރަކީ، ދިވެހި ޒުވާނުން ޤައުމީ ޚިދުމަތަށް ނުކުންނަ މަންޒަރެވެ. އަދި އެކުދިންގެ ފަހަތުގައި، ފަޚުރުވެރިކަމާއެކު "ތިޔައީ އަހަރެންގެ ދަރިފުޅޭ" ބުނަން ތިބި ބެލެނިވެރިންނެވެ. މިއީ، ޤައުމުގެ މުސްތަޤުބަލު އުޖާލާކަން އަންގައިދޭ ވަރަށް ވަރުގަދަ ހެކިތަކެކެވެ. ބެލެނިވެރިންގެ މި ޝުޢޫރުތަކުން އެނގެނީ، ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯބި އަދިވެސް އޮތީ ނުހަނު ވަރުގަދަކޮށް ކަމެވެ. މި ޚިދުމަތުގައި ދެމިތިބޭ ކޮންމެ ދަރިއަކީ، މުޅި ޤައުމުގެ ފަޚުރެކެވެ.