ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޚާއްސަ މޭޒެއް ޤާއިމުކޮށްފިއެވެ.
އައިޖީއެމްއެޗުން މިކަން ހާމަކޮށްފައިވަނީ، އެހޮސްޕިޓަލުން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށް ޚިދުމަތްދިނުމަށް ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި މިކަމަށް ޚާއްޞަ މޭޒެއް މިހާރު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އައިޖީއެމްއެޗު ހޮސްޕިޓަލުން ވަނީ، ހިމަބިހީގެ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރަށް ދައްކަން ދާއިރު މާސްކް އެޅުމަށާއި، ވީހާވެސް މަދު ބަޔަކާއިއެކު ހޮސްޕިޓަލަށް ދިޔުމަށް އިލްތިމާސް ކުރައްވާފައެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ، މި މޭޒުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭނގަޑު 23:00އާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.
ހިމަބިހި ކޭސްތައް ފެންނަމުން ދާތީ ހުމާއި ރަތްބިހީގެ ޢަލާމާތްތައް ހުރި ފަރާތްތަކަށް އެހީވުމަށް ހޮސްޕިލުގައި ޚާއްސަ މޭޒެއް ގާއިމު ކުރުން
— IGMH (@igmhmv) May 23, 2026
Establishment of Fever–Rash Help Desk and Guidance on Patient Movement Related to Measles Outbreak pic.twitter.com/fhApngzzQC
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހިފައިވާ 7 މީހުން ވަނީ ފެނިފައެވެ. އަދި މި 7 މީހުންނާއި ކޮންޓެކްޓްވެފައިވާ 74 އަށްވުރެ ގިނަ މީހުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ. ހިމަ ބިހީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހިމަބިހި ފެތުރެމުންދާތީ އެޗްޕީއޭއިން އަންނަނީ، މީސްމީޑިޔާ މެދުވެރިކޮށް މިބައްޔާއި މެދު މީހުން ހޭލުންތެރި ކުރުވުމަށާއި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ހިއްސާކުރައްވަމުންނެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ގައިގައި ރަތް ބިހިތަކެއް ނެގުމާއި، ލޯ ރަތްވުން ހިމެނެއެވެ. މި ބަލި ޖެހެނީ، ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށްވާއިރު އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެއިތުރުން މިބަލީގެ އަލާމާތެއް ކަމަށްވާ ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސް ކުރިންނާއި، ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.
ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެންވަނީ، ވެކްސިން ދޭން ފަށާފައެވެ. މިމަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ރާއްޖެއަކީ، ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ.