ޚަބަރު

17 އަހަރުން ދަށުގެ ޗެމްޕިއަންކަން މާފުށީ ސްކޫލަށް


  • މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިން

  • ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން

  • މެޗަށް ފަހު ވަނީ މުބާރާތުގެ އެންމެ މޮޅު 11 ހޮވާފައި

އދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް، 17 އަހަރުން ދަށުގެ "ރާއްޖެ ޖޫނިއަރ" ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާފުށީ ސްކޫލުން ހޯދައިފިއެވެ. ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު މި މެޗުން މާފުށީ ސްކޫލް މޮޅުވެފައި ވަނީ 0-2 ގެ ނަތީޖާއިންނެވެ.

މެޗުގައި ފެނިގެންދިޔަ ދެ ގޯލުވެސް މާފުށީ ސްކޫލް ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓީމުގެ ކެޕްޓަން، މޫސާ މިކިއަލް ޝަކީބެވެ. މެޗުގެ ފުރަތަމަ ގޯލު، ލިބުނު ކޯނަރެއް ސީދާ ގޯލުތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 2 ވަނަ މިނެޓުގައެވެ. ދެވަނަ ގޯލު، މެޗުގެ 24 ވަނަ މިނެޓުގައި މިކިއަލް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުންނެވެ.

ދެޓީމު ނޮކްއައުޓް ބުރުގައި ކުޅެފައިވާ މެޗުތަކަށް ބަލާއިރު، ކުއާޓަރ ފައިނަލްގައި މާފުށީ ސްކޫލް ބައްދަލުކޮށްފައިވަނީ މަޖީދިއްޔާ ސްކޫލާއެވެ. ވާދަވެރި ކުޅުމަކަށްފަހު މާފުށީ ސްކޫލުން މިމެޗު ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ. ސެމީގައި އެޓީމު ބައްދަލުކުރީ ދަރުމަވަންތަ ސްކޫލާއެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައި އޮތުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގަ 6 ޕެނަލްޓީ ކާމިޔާބުކޮށްގެން މެޗުން މޮޅުވެފައި ވަނީ މާފުށީ ސްކޫލެވެ. ދަރުމަވަންތަ ސްކޫލަށް ކާމިޔާބުކުރެވުނީ 5 ޕެނަލްޓީއެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒަށް ބަލާއިރު، ކުއާޓަރ ފައިނަލުގައި ޢިމާދުއްދީން ސްކޫލާ ވާދަކޮށް އެޓީމުން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު، 0-4 ގެ ނަތީޖާއިންނެވެ. ސެމީގައި ކަލާފާނު ސްކޫލް ބަލިކޮށް، އެޓީމު ފައިނަލަށް ގޮސްފައިވަނީ މެޗުގެ އެންމެ ފަހުކޮޅު ކާމިޔާބުކުރި ހަމައެކަނި ގޯލާއެކުއެވެ.

މެޗަށްފަހު ވަނީ، މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި 11 ކުޅުންތެރިންނަށްވެސް އެވޯޑު ދީފައެވެ. މިކުޅުންތެރިންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްއެވެ.