ޚަބަރު

ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒް ކުރުމަށް އެކްޝަން ޕްލޭނެއް


ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒް ކުރެއްވުމަށްޓަކައި، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ހާމަކުރެއްވީ، މި މަސައްކަތާ އެކުއެކީގައި މިހާރު އެންމެ ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދަވަނީ ޤާނޫނު ތަންފީޒު ކުރެއްވުމަށް ލާޒިމުކުރާ އިދާރީ އޮނިގަނޑުތައް ބައްޓަން ކުރެއްވުމުގެ މަސައްކަތް ކަމަށެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރެވޭ ތަފާތުތައް ނައްތާލެއްވުމުގެ މައިގަނޑު އުސޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ ޤާނޫނެވެ.

މި ޤާނޫނުގައި ޖެންޑަރ އީކުއަލިޓީކަމަށް ބަޔާންކޮށްފައިވަނީ، އަންހެނުންނަށާއި ފިރިހެނުންނަށް ފުރުޞަތު ލިބުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކަށް ވާޞިލްވުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކުން ނަތީޖާ ޙާޞިލްކުރުމުގެ ހަމަހަމަކަމަށާއި ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަމެވެ. އަންހެނަކަށްވީތީ ނުވަތަ ފިރިހެނަކަށްވީތީ، އެއްވެސް މީހަކާމެދު ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް ތަފާތު ކުރުމަކީ މަނާކަމެއް ކަމަށް މި ޤާނޫނުގައިވެއެވެ. މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، މި ބިލް ތަޞްދީޤު ކުރައްވާފައިވާއިރު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނީ ތަޞްދީޤު ކުރެއްވި ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

މިނިސްޓަރ އޮފްޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ޤާނޫނު ތަންފީޒް ކުރެއްވުމުގެ ގޮތުން އެ މިނިސްޓްރީއަށް އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި މި ޤާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ސަރުކާރުގެ އެހެން މުއައްސަސާތަކުގެ މަސައްކަތްވެސް މިހާރު ކުރިޔަށް ގެންދަވާ ކަމަށެވެ. ހަމަ އެއާއެކު މި ޤާނޫނުގެ ދަށުން ޢަމަލުކުރަންޖެހޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތާއި ޤާނޫނަށް ހޭލުންތެރި ކުރެއްވުމުގެ މަސައްކަތްތައްވެސް ކުރިޔަށްގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމީ ފެންވަރެއްގައި ސިޔާސަތެއް އެކުލަވާލާ، އެކްޝަން ޕްލޭނެއްގެ މަސައްކަތް މިހާރުވަނީ ފަށާފައި. އަދި މިޤާނޫނާއި ބެހޭގޮތުން އޮފީސްތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައި.އަދި ވަރަށް ގިނަ އޮފީސްތަކެއްގައި މިހާރު މިސެޝަން ވަނީ ކުރިޔަށް ގެންދެވިފައި. ދެން މީގެ އިތުރުން، އިތުރު އޮފީސްތަކާއެކު މަޝްވަރާކޮށް، ބައްދަލުވުންތައް ބާއްވާ، ޤާނުންގެ ދަށުން އެއޮފީސްތަކަށް ލާޒިމް ކުރާ ކަންކަން ކުރެއްވުމުގެ މަސައްކަތްތައް މިހާރުވަނީ ފަށްޓަވާފައި. ހަމަ އެގޮތުން ޤާނޫނުން އެބަ ލާޒިމްކުރޭ ޖެންޑަރ އިކުއާލިޓީ ޤާނޫންގެ ތަންފީޒް ކުރުމަށް މި މިނިސްޓްރީގައި ވަކި ޑިޕާޓްމެންޓެއް ކަނޑައަޅަން. އެހެންކަމުން، މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުގެނެސް،އާ އޮނިގަނޑު  ފާސްކުރަން ސިވިލް ސާވިސް ކޮމިޝަނަށް ވަނީ ފޮނުވާފައި." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތީ ޖެންޑަރ މިނިސްޓްރީއަށެވެ. ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މި ޤާނޫނަކީ، ރާއްޖޭގެ ޖެންޑަރ އީކުއަލިޓީއަށް ވަރަށް މުހިންމު ޤާނޫނެއް ކަމަށާއި، މިއީ މި ދާއިރާއިން ރާއްޖެ ހޯދި ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ.