ޚަބަރު

ނެޝަނަލް ޗެސް ކްލަބް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • މިމުބާރާތުގައި ވާދަކުރެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގައި ރެޖިސްޓަރކޮށްފައިވާ ކްލަބުތަކަށާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް

  • މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 12 ވަނަ ދުވަސް

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ޗެސް ކްލަބް ޗެންޕިއަންޝިޕް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކްލަބްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވިފައިވާއިރު، މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ އަންނަމަހުގެ 15 އެވެ.

ނެޝަނަލް ޗެސް ކްލަބް ޗެންޕިއަންޝިޕްގައި ވާދަކުރެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގައި ރެޖިސްޓަރކޮށްފައިވާ ކްލަބުތަކަށާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށެވެ.

އޯޓީޕީ ފޯމެޓަށް ކުރިއަށްގެންދާ މިމުބާރާތަކީ ދުނިޔޭގެ ރާޒުވާގެ މައި އިދާރާ ފިޑޭ ރޭޓެޑް މުބާރާތަކަށްވާއިރު، މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ގިނަވަގެން ހިމެނޭނީ ހަތަރު ކުޅުންތެރިންނެވެ. ރިޒާރވް ކުޅުންތެރިޔެއްގެ ގޮތުން އެއް ކުޅުންތެރިޔަކު ހިމަނަންޖެހޭއިރު، ޓީމެއްގައި އެންމެ މަދުވެގެން ހިމެނޭނީ ދެ ކުޅުންތެރިންކަމަށް މުބާރާތުގައި ގަވާއިދުގައިވަނީ ހިމަނާފައެވެ.

މުބާރާތުގައި 10 ޓީމަށްވުރެ އިތުރަށް ވާދަކުރާނަމަ، މުބާރާތް ކުރިއަށްދާނީ ސްވިސް ފޯމެޓަށެވެ. އަދި ވާދަކުރާ ޓީމުތަކުގެ އަދަދު 10 އަށްވުރެ މަދުވެއްޖެނަމަ މުބާރާތް ކުޅޭނީ ރޮބިން އުސޫލަށެވެ. އަދި މުބާރާތުގައި ކޮންމެ ދުވަހަކު ކުރިއަށްދާނީ އެއް ބުރުގެ ކުޅުމެވެ.

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް ކަނޑައެޅިފައިވަނީ 10،000 ރުފިޔާއެވެ. އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ލިބޭއިރު، ކޮންމެ ޓީމަކަށްވެސް މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ނެޝަނަލް ޗެސް ކްލަބް ޗެންޕިއަންޝިޕް 2026 ކުރިއަށްދާނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ޗެސް އާކޭޑްގައި އަންނަމަހުގެ 15 އިން 25 ގެ ނިޔަލަށެވެ.