ސެންޓްރަލް ރީޖަން ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ކ.ހުރާ އާއި ދ.ކުޑަހުވަދޫ ބައްދަލުކުރި މެޗުގައި، ކުޑަހުވަދޫ ޓީމުން ކާޑު ހަމަވެފައިވާ ކުޅުންތެރިންތަކެއް ބޭނުންކުރި މައްސަލައާ ގުޅިގެން، 2-0 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް، ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކ.ހުރާ ކަމަށް ނިންމައިފިއެވެ.
މެޗަށް ފަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނެރުނު ބަޔާނެއްގައި ބުނީ، އެ މެޗަށް ސަސްޕެންޑުވެފައިވާ ކުޅުންތެރިންތަކެއް ބޭނުންކޮށްފައިވާ މައްސަލައެއް މުބާރާތްތަކާބެހޭ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. މެޗު ފެށުނުމުގެ ކުރިންވެސް މިމައްސަލަ ވަނީ ފެންމަތިވެފައެވެ. ނަމަވެސް، ކުޑަހުވަދޫ ޓީމުން ސަސްޕެންޝަނެއް ފާހަގަކޮށްފައި ނެތުމުން އެކުޅުންތެރިންވެސް ހިމަނައިގެން މެޗު ފެށުމަށް، މެޗު ކޮމިޝަނަރ ވަނީ ހުއްދަ ދެއްވާފައެވެ.
މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިނަށް ދައްކާފައިވާ ކާޑުތަކުގެ ތަފްސީލުފަދަ ކަންކަން ބެލެހެއްޓުމަކީ ޓީމުތަކުގެ ޒިންމާއެކެވެ. މިއީ މެޗު ކޮމިޝަނަރަށް ނުވަތަ އެފްއޭއެމަށް މަތިކޮށްފައިވާ ކަމެއް ނޫނެވެ.
ބުރާސްފަތި ދުވަހުގެ މެޗަށް ނުކުތްއިރު ތާވަލުގެ އެއްވަނައިގައި ހުރާ އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ކުޑަހުވަދޫ ދެވަނައިގައި އޮތީ 8 ޕޮއިންޓާއެކުއެވެ. މިމެޗު އެއްވަރުވެއްޖެނަމަ، ނުވަތަ ހުރާ މޮޅުވެއްޖެނަމަ ޗެމްޕިއަންކަން ލިބޭނީ އެޓީމަށެވެ. އެހެންކަމުން ކުދަހުވަދޫއަށް މިމެޗު ވެފައި އޮތީ މޮޅުވުން މަޖުބޫރު މެޗަކަށެވެ.
މެޗު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއިން ކުޑަހުވަދޫ މެޗު ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން ހުރާ ޓީމުން އަނެއްކާވެސް މިމައްސަލަ ހޫނުކޮށް، މައްސަލަ ރަސްމީކޮށް ބަލައިދޭން އެދުނެވެ. އެހެންކަމުން އެފްއޭއެމުން މައްސަލަ ބެލުމަށްފަހު، އިއްޔެގެ ވަގުތެއްގައި ވަނީ އެސޯސިއޭޝަނުގެ ނިންމުން އާންމުކޮށްފައެވެ.
އެފްއޭއެމްގެ ނިންމުމުގައި ވާގޮތުން، ކުޑަހުވަދޫއިން ވަނީ މެޗުގައި ކާޑު ހަމަވެފައިވާ 2 ކުޅުންތެރިއަކު ބޭނުންކޮށްފައެވެ. އެއީ، ޖަރޒީ ނަންބަރު 21 އަޔާޒް މުޙައްމަދުގެ އިތުރުން ޖަރޒީ ނަންބަރު 30 އަރީފް މަޙްމޫދެވެ.
މުބާރާތުގެ ގަވައިދުގެ 3.3 އާ ހަވާލާދީ އެފްއޭއެމުން ވަނީ މެޗުގައި ކުޑަހުވަދޫއިން ޖެހި ގޯލުތަކުގެ އިތުރުން މެޗުން މޮޅުވެގެން ލިބުނު 3 ޕޮއިންޓުވެސް އުނިކޮށްފައެވެ. އަދި، މިމެޗުގެ ނަތީޖާ ވަނީ 2-0 އަކުން ހުރާ ކޮޅަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، މިމައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް އެފްއޭއެމްގެ ނިންމުމުގައި ބުނެފައިވެއެވެ.
އެހެންކަމުން، ކުޅުނު 6 މެޗުން 13 ޕޮއިންޓާއެކު ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ލިބިފައިވަނީ ކ.ހުރައަށެވެ. މިއާއެކު، އެޓީމު މިވަނީ ދިވެހި ޕްރެމިއަރ ލީގުގެ ޕްލޭއޮފް ބުރަށްވެސް ކޮލިފައިވެފައެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ފަސް ޖާގައެއް މިހާތަނަށް ވަނީ ޔަގީންވެފައެވެ. އެއީ، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީސީ ސްޕޯޓްސް ކްލަބާއި 8 ވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫގެ އިތުރުން ސެންޓްރަލް ލީގުގެ ޗެމްޕިއަން ކ. ހުރައެވެ.
ބާކީ ޖާގަ ލިބޭނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ.