ޚަބަރު

4 ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އިޓަލީއަށް ފޮނުވާލަނީ


  • ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭގެ ރިޕޯޓް ރާއްޖޭގެ ތަޙްޤީގު ޓީމާ ޙިއްސާކުރާނެ

  • 2 މީހެއްގެ ހަށިގަނޑު ނެގީ މިމަހުގެ 19 ވަނަ ދުވަހު

  • ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނެގީ މިމަހުގެ 20ގައި

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ނިންމައިފިއެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތުގެ 5 ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ. އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އެ 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ.

މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، އެ 4 މީހުންގެ ހަށިގަނޑުވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޤައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަޙްޤީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ނަގައި، ތަޙުޤީޤަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށް ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރި ޑޭން ޔޫރަޕުން ވަނީ ބުނެފައެވެ. އެ އޮޕަރޭޝަންގައި ކަނޑުއަޑީގައި ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމުގެ ގޮތުން އިއްޔެވަނީ، އެންމެފަހު ޑައިވްވެސް ކޮށްފައެވެ.

ޑޭންއިން ބުނެފައިވާ ގޮތުގައި އިއްޔެގެ ޑައިވްގެ މައިގަނޑު ބޭނުމަކީ، ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމެވެ. އޭގެ ތެރޭގައި، ރިކަވަރީ ފޭސްގައި ބޭނުންކުރި ވަގުތީ ގައިޑްލައިންތަކާއި، އޮޕަރޭޝަނަލް ރިފަރެންސްތަކާއި، ބޭނުންކުރި ސާމާނުތައް ނެގުން ހިމެނެއެވެ. އަދި ތަޙުޤީޤަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި، އެ ތަކެތި ހޯދުން ވެސް ކުރިއަށް ގެންދިޔައެވެ.

މިއީ، މިފަދަ އޮޕަރޭޝަންތަކުގައި އާންމުކޮށް އަމަލުކުރާ ބެސްޓް ޕްރެކްޓިސްގެ ދަށުން، ކަނޑުގެ މާހައުލަށް ލިބޭ ގެއްލުން ކުޑަކޮށް، އޮޕަރޭޝަންގެ އެއްވެސް ނިޝާނެއް ނުބަހައްޓައި ސާފުކުރުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށް ޑޭންއިން ބުނެފައިވެއެވެ.

އިޓަލީގެ ޑައިވަރުން ގެއްލުނު ޙާދިސާގައި މަރުފައިވަނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފެނުނީ، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި 4 ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިމަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، ހާލު ދެރަވެ ނިޔާވެފައެވެ.

މިމީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެކެވެ.