ސިޔާސީ

ޕީޖީ ގްރޫޕުން ރައީސް ޔާމީނާއި، ރައީސް މަޢުމޫނާ ބައްދަލުކުރައްވަނީ


ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާ ބައްދަލުކުރުމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.

މިކަމާބެހޭގޮތުން ޕީއެސްއެމާއި ވާހަކަދައްކަވަމުން، އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެގޮތަށް ނިންމެވީ މިއަދު މެންދުރުފަހު ބޭއްވި ޕާލިމަންޓްރީ ގްރޫޕް ބައްދަލުވުމުގައި ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ، އެއްތަނެއްގައި ބައްދަލުކުރެއްވުމަށް ނިންމްވާފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް ދެބޭފުޅުންނާއި ބައްދަލުކުރައްވާނެ ވަގުތެއް ޕާލިމަންޓްރީ ގްރޫޕުން ހާމަކޮށްފައެއް ނުވެއެވެ. އެ ބައްދަލުވުން ދެ ރައީސުންނަށްވެސް ފަސޭހަފުޅު ވަގުތެއްގައި ބާއްވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ޙައްލެއް ހޯދިފައި ނުވާއިރު، އެ މައްސަލަތައް ޙައްލުކޮށް، ޕީޕީއެމްގެ ރައީސްއާއި މުޝްތަޝާރާއި އަދި މެންބަރުން ގުޅިވަޑައިގެން ރައްޔިތުންގެ ތަރައްޤީއާއި މަންފާއަށްޓަކައި މަސައްކަތް ކުރެވޭނެ ކަމަށާއި މިހާތަނަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ޕީޕީއެމްގެ ޕާރލަމެންޓްރީ ގްރޫޕުން ފާހަގަކުރެއެވެ.