ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު އިން ހޯދައިފި އެވެ.
އަލް ނަސްރު އިން ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ދަމަކް އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު އަލް ނަސްރުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަޑިއޯ މާނޭ އާއި ކިންގްސްލޭ ކޯމަން އެވެ.
ލީގު ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން ވަނީ ލީގުގައި ކުޅުނު 34 މެޗުން ޖުމްލަ 86 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.
ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން އަލް ނަސްރު އިން ހޯދާފައިވާއިރު މިއީ 2022 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމާއި ގުޅުނު ފަހުން އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ މުބާރާތެވެ. އެ ޓީމުން އެންމެ ފަހުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2019 ވަނަ އަހަރު އެވެ.
މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާ މިހާތަނަށް ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 973 އަށް އަރާފަ އެވެ.
ސައުދީ އަރަބިއްޔާގެ ފުޓްބޯޅައިގެ ޕޯސްޓަރ ބޯއިގެ ގޮތުގައި މަޝްހޫރު ވެފައިވާ ރޮނާލްޑޯ ވަނީ އެ ކްލަބަށް މިހާތަނަށް 129 ލަނޑު ޖަހައިދީފަ އެވެ.
މި ސީޒަނުގެ ވަކި ހިސާބަކުން އަލް ނަސްރުގެ މެނޭޖްމަންޓާއި ރޮނާލްޑޯ އާއި ދެމެދު މައްސަލަތަކެއް ޖެހި އޭނާ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ދިޔައެވެ. ނަމަވެސް ފަހުން އެކަންތައް ހައްލު ކުރުމަށްފަހު ރޮނާލްޑޯ ވަނީ ޓީމާއި ގުޅިފަ އެވެ.