ޚަބަރު

"ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަން މިއަދު މުޅި ދުނިޔެވެސް ބަލައިގަނޭ"


  • ޒަމާނާ އެއްގޮތަށް މަސްވެރިކަން ކުރިއެރުވުމަށް ދަނީ މަސައްކަތްކުރަމުން

  • މަސްވެރިކަމުގެ ސެޓިފިކޭޝަންތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުންދާ ދެމެހެއްޓެނިވި އުސޫލުތައް މިއަދު މުޅި ދުނިޔެވެސް ބަލައިގަންނަ ކަމާއި، މަސްވެރިންނަކީވެސް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ނަން ރޯޝަންކޮށްދޭ ބައެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވީ، މަސްވެރިކަމާ ބެހޭ ވުޒާރާއިން މަސްވެރިކަން ފުޅާކުރުމަށާއި، ޒަމާނާ އެއްގޮތަށް އަންނަންޖެހޭ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އެކްސްޕޯޓް މާކެޓުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ޒުވާނުންނަށް މުނިފޫހިފިލުވުމުގެ މަސްވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

ތަރުޖަމާނުގެ ވާހަކަފުޅުގައި ރާއްޖޭގެ މަސްވެރިކަމުގެ ސެޓިފިކޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ޅާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަކީ ދުނިޔޭގައި މެދުނުކެނޑި އެމްއެސްސީ ސެޓިފިކޭޝަން ލިބެމުންދާ އެންމެ ދުވަސްވީ އެއް ގައުމުކަން ފާހަގަކުރައްވާ، މި ސެޓިފިކޭޝަންތައް އިތުރަށް ހަރުދަނާވުމުގެ ސަބަބުން މިއަދު ރާއްޖޭގެ މަސްވެރިކަމަކީ މުޅި ދުނިޔެވެސް ބަލައިގަންނަ ސިނާއަތަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގައި މިހާރު ސްޓޭންޑަރޑައިޒޭޝަންތައްވެސް މިހަދަނީ، މިސާލަކަށް ސީފުޑް އިންޑަސްޓްރީއަށް ބަލާއިރު ސްޓޭންޑާޓްތައް އެބަ ހަދާ ރާއްޖޭގެ ފްރެޝްނެސް، ރާއްޖޭގެ މަސްވެރިކަމުގައި މި ގެންގުޅޭ ގަދިމީ ގޮތުގެ ތެރެއިން މިއަދާ ހަމައަށް މިއައި އަޅުގަނޑުމެންގެ ސަސްޓެއިނަބަލް ނުވަތަ ދެމެހެއްޓެނިވި އާދަތައް މިހާރު ދުނިޔޭގައި އެއީ ގޯލްޑް ސްޓޭންޑާޑް މަސްވެރިކަމުގައި. އެއީ ކޮންމެ ކޮންމެ ބަޔަކަށް ވާ ކަމެއް ނޫން. އަޅުގަނޑުމެންގެ މަސްދަޅެއް ފެނުނީމާ އެއްކަލަ ކޮންޝިއަސް އެކަހަލަ ކަންތައްތަކަށް ލޯހުޅުވިފައި ތިބި ބަޔަކު އެބަލައިގަނޭ." ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގެ މާކެޓްތަކުގައި 38 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ ކަސްޓަމަރުން ބަރޯސާވަނީ ދެމެހެއްޓެނިވި މަސްވެރިކަމެއްގައި ބާނާ މަހަށްކަން ފާހަގަކުރައްވާ ތަރުޖަމާނު ވިދާޅުވީ މިކަމުގެ ސަބަބުން ދުނިޔޭގެ މާކެޓްތަކުގައި ރާއްޖޭގެ މަސްވެރިކަމަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

"އެމީހުން އެބަ ބަލާ މީ ކޮންފެންވަރެއްގެ މަހެއްތޯ. ދިވެހިރާއްޖެ ފެނުނީމަ އެމީހުންނަށް އެބައިނގޭ އަޅުގަނޑެމެން ރާއްޖޭގައި ޕާސޭއެއް ނުކުރާނެކަން. ނެދެވޭގޮތަކަށް ދާ ޖަހައިގެން މަސްވެރިކަން ނުކުރާނެކަން. އެހެންމަ އަޅުގަނޑުމެންގެ ސްޓޭންޑާޑްއަކީވެސް އަޅުގަނޑުމެންގެ ރެޕިއުޓޭޝަނާވެސް ގުޅިފައިވާކަމެއް. އެހެންމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވާންޖެހޭ އަޅުގަނޑުމެންގެ މަސްވެރިންނަކީވެސް ރާއްޖޭގެ ރީތިނަން ބޭރުގައި ރޯޝަންކުރާ ބައެއްކަން." ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ގެނެސްފައިވާ ކުރިއެރުންތަކަށް އިޝާރާތްކުރައްވައި ތަރުޖަމާނު ވިދާޅުވީ، މަސްވެރިން ކުރާ ބުރަ މަސައްކަތަށްފަހު އުޖޫރަ ހޯދަން ސަލާމްޖަހަން ޖެހުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެ ނިޒާމު ބަދަލުކޮށް، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ސީދާ މަސްވެރިޔާގެ އެކައުންޓަށް ފައިސާ ޖަމާވާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް އަލަށް ވަންނަ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ކުރިން މަސްވެރިކަން ދޫކޮށްލި ފަރާތްތަކުން އަލުން މި ސިނާއަތާ ގުޅެމުންދާކަމީ މި ދާއިރާއަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށްވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.