ޚަބަރު

ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަށް


  • މާޅެއިން ޚިދުމަތް ލިބޭނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން

  • ހުޅުމާލޭގެ ޕަބްލިކް ހެލްތު ޔުނިޓާއި، ޖީ.ޕީ ކްލިނިކުންވެސް ޚިދުމަތް ލިބޭނެ

ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ދަމަނަވެށިން ވިދާޅުވެއްޖެއެވެ.

ދަމަނަވެށިން މިކަން ހާމަކޮށްފައިވަނީ، މިކަމާއި ގުޅޭގޮތުން މިއަދު ނެރުނު އިއުލާނެއްގައެވެ.

ދަމަނަވެށިން ވިދާޅުވީ، ދިވެހިންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިސެންޓަރުތައް ޤާއިމްކުރުމަށް ކުރީގެ ތެލެސީމިއާ ސެންޓަރާއި، މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި މިމަސައްކަތް ކުރިއަށްދާ މުއްދަތުގައި ދަމަނަވެށިން ދޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން ދިނުމަށް ހަމަޖެހިފައިވަނީ، މާފަންނުގައި ޤާއިމުކޮށްފައިވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ އިތުރުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި، ޖީ.ޕީ ކްލިނިކުން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ދަމަނަވެށިން ދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، މުޖުތަމައަށް އަމާޒުކޮށްގެން ޚާއްޞަ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއި، ބަލިތައް ދެނެގަތުމަށް ކުރާ ސްކްރީނިންގތަކާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ސެޝަންތައް ބޭއްވުމުގެ އިތުރުން ކައުންސެލިންގ ޚިދުމަތް ދިނުން ހިމެނެއެވެ.