ޚަބަރު

ބީއެމްއެލްއާއި އެމްއެސްއޭގެ އެއްބަސްވުން އާކޮށްފި


  • އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރު

  • ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ އެތުލީޓަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރުގެ ގޮތުގަ ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މި އެއްބަސްވުން އާކުރެވުމާއެކު، ޖޫނިއަރ އަދި ސީނިއަރ ގައުމީ ސަރފިންގ ޓީމުތަކުގެ ސްޕޮންސަރުގެ ހައިސިއްޔަތުން ބޭންކުން ދެމުން އަންނަ އެހީތެރިކަން ދަމަހައްޓާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގުސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެމްއެސްއޭ އާއެކު ޕާޓްނަރޝިޕެއްގައި ފުރަތަމަ ފަހަރަށް ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރެވެ. އެއަށްފަހު، 2024 ވަނަ އަހަރު މިއެއްބަސްވުމުގެ މުއްދަތު އިތުރު ދެ އަހަރަށް އާކޮށްފައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން މުޅި ރާއްޖޭގައި އެކި ކުޅިވަރުތަކުގެ ހުނަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ބޭންކުން އަންނަނީ ސްޕޯޓްސް ސްކޮލަރޝިޕް ޕްރޮގްރާމެއްވެސް ހިންގަމުންނެވެ.

މި ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ ދާއިރާގެ އެތުލީޓެއް ކަމަށްވާ ސައްޔިދު ސަލާހުއްދީނަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.