އަންނަ އަހަރު މަޖީދިއްޔާ ސްކޫލް މަރާމާތުކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި މިހާރު ކުރިޔަށްގެންދާ ފޭސްގެ މަސައްކަތް ނިމުމުން 2 ވަނަ ފޭސް އާއި 3 ވަނަ ފޭސްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ގިނަދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. އަދި ޖާގައިގެ ގޮތުން މި ސްކޫލަކީ މާލޭގައި ހުރި ސްކޫލްތަގެ ނިސްބަތުން ބޮޑު ސްކޫލެކެވެ. މި ސްކޫލްގެ ޢިމާރާތަކީ ދުވަސްވީ އާސާރީ ތަންތަން އެކުލެވޭ ޢިމާރާތެކެވެ. އެގޮތުން މަޖީދިއްޔާގެ ދާރުލްޢުލޫމް ހޯލަކީ އާސާރީ ހޯލެއްގެ ގޮތުގައި ބެލެވެމުން އަންނަ ތަނެކެވެ. މަޖީދިއްޔާ ސްކޫލް މަރާމާތު ކުރުމާގުޅޭ މަޢުލޫމާތު ދެއްވަމުން އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ ދާރުލްޢުލޫމް ހޯލް ހުރި ޑިޒައިނަށް ބަދަލު ނުގެންނަވައި އެތަނުގައި ޢިމާރާތެއް އެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި މަޖީދިއްޔާ ސްކޫލްގެ ކުރިބޯށި އިމާރާތްކީވެސް ގިނަދުވަސްވީ އާސާރީ ތަނެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާ ތަނެކެވެ. އެތަނުގެ އެޑިޒައިނަށް ބަދަލުގެނައުމަކާނުލާ ކުލާސްރޫމްތަކެއް އެޅުއްވުމުގެ ވިސްނެވުން ގެންގުޅުއްވާ ކަމަށާއި އެހެންނަމަވެސް މިއީ ދެތިން ހަތަރު އަހަރެއްގެ ޕްލޭނެއް ކަމަށް އިބްރާހީމް ޢިސްމާޢީލް ޢަލީ ވިދާޅުވިއެވެ.
"މިދެންނެވި ބައިތައް ތަޅާލެވެން އަންނަނީ މިހާރު ޢިމާރާތްކުރާ ބައި ހެދުމަށްފަހުގައި އެތަނުގައި ކިޔަވާކުދިންނާއި ހުރިހާ ފެސިލިޓީއެއް މޫވްކޮށްގެން. މޫވްކުރުމަށްފަހު ދާރުލްޢުލޫމާއި ހޯލާއި އެތަންތަން ހެދުމުގެ ޕްރޮސަސް ކުރިޔަށް ގެންދެވޭނީ. 2017 ގައި މަޖީދިއްޔާ ސްކޫލް ނިމި ، 2018 ގައި ހޯލްގެ މަސައްކަތް ފެށޭނެކަމަށް. މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެމުންދާނެ އަދި އަލަށް ހެދިބައި ނިމުނީ މައި ހޯލްގެ މަތީބަޔާއި ކުރިބޯށީގެ ހުރިބައިތައް އަޅުގަނޑުމެންނަށް އާ ޢިމާރާތަށް ބަދަލުކޮށްލެވޭނީ. ބަދަލުކޮށްލެވުނީމައި އެތަން ތަޅާލައިގެން މަސައްކަތް ކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންދެވޭނެ." އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލްގެ އެނެކްސް ބައި ހިމެނޭ ޢިމާރާތް ތަޅާލެއްވުމަށްފަހު އެތާނގައި އައު ޢިމާރާތެއް ބިނާކުރެއްވުމަށްޓަކައި ކޮންޓްރެކްޓަރަކު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިޔުކޭޝާން މިނިސްޓްރީން ވިދާޅުވެއެވެ.