މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ލަންކާގެ ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުރިއަށްދާ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާނީ މިދިޔަ މުބާރާތުން ހޯދި ރަން ވަނަ ދިފާއުކުރުމަށް ކަމަށް، މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސްގެ ނައިބު ރައީސް، މުޙައްމަދު ޢާމިރު ވިދާޅުވެއްޖެއެވެ.
މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ޖަރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، "ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަވަމުން ޢާމިރު ވިދާޅުވީ، ލަންކާގައި އޮންނަ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ މުބާރާތެއް ކަމަށާއި، މިއަހަރުގެ މުބާރާތާ ކުރިމަތިލަނީ، މިދިޔަ އަހަރު މުބާރާތުގެ "ބެސްޓް ޓީމު" ރާއްޖެއަށް ލިބިފައިވާތީ އެތަށި ދިފާއުކުރުމަށް ކަމަށެވެ.
ޢާމިރު ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގައި ބޭއްވި މާސްޓަރސް އެތުލެޓިކްސް މުބާރާތުގައި އެތުލީޓުން ދައްކާފައިވާ ޕަފޯމަންސް އާއި މިދިޔަ އަހަރު ލަންކާ މުބާރާތުގެ ޕަފޯމަންސް އަޅާ ބަލާއިރު، މިއަހަރުވެސް ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"..ދެން މިދިޔަ އަހަރުވެސް ފުދޭވަރަކަށް ރަނގަޅު ކާމިޔާބީއެއް ލިބުނު، ބެސްޓް ޓީމްގެ ގޮތުގައި ރާއްޖެ ހިމެނުނު. އެހެންވީމަ އެތަށި ދިފާއުކުރުމުގެ ގޮތުން ކުލަބުން އިސްނަގައިގެން މިދަނީ. ދެން މާލޭގައި ބޭއްވި މާސްޓަރ މުބާރާތުގައި އެތުލީޓުންގެ ޓައިމިންގތަކާ ލަންކާގެ މިދިޔަ އަހަރުގެ ޓައިމިންގތަކާ ބަލާއިރު ވަރަށް ރަނގަޅު ކާމިޔާބީއެއް ރާއްޖެ ޓީމަށް ލިބޭނެކަމަށް، ގިނަ އިވެންޓުތަކުން ގޯލްޑް މެޑަލް ހާސިލުވާނެކަމަށް މިބަލަނީ." ޢާމިރު ބުންޏެވެ.
މުބާރާތުގައި ބައިވެރިވާ ބައެއް އެތުލީޓުންގެ ޝުއޫރުތައްވެސް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައިވެއެވެ. އެގޮތުން، ރާއްޖޭގައި އެންމެ ފަހުން ބޭއްވި މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ގިނަ ރަން މެޑަލްތަކެއް ހޯދި ދުވުންތެރިޔާ މުޙައްމަދު ރަޝީދު (މޯޑު) ވެސް ވަނީ، މާލޭގައި ބޭއްވި މުބާރާތެކޭ އެއްފަދައިން ލަންކާގައި އޮންނަ މުބާރާތުގައިވެސް ގިނަ މެޑަލްތަކެއް ހޯދައި، ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދޭން ބޭނުންވާކަން ފާހަގަކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެއިން ފަސް އުމުރުފުރާއެއްގެ އިވެންޓުތަކުގައި ވާދަކުރާނެއެވެ. އެއީ: 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 55 އަހަރުން މަތި އަދި 65 އަހަރުން މަތީގެ އުމުރުފުރާއެވެ.