"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މަޖީދިއްޔާ ސްކޫލް ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުވެސް ކުއާޓަރއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.
މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ މާފަންނު އެއްނަންބަރު ޓާފްގައެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ސަލާހުއްދީން ސްކޫލާއި ގާޒީ ސްކޫލެވެ. މިމެޗު، 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ސަލާހުއްދީން ސްކޫލެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލު، ސަލާހުއްދީން ސްކޫލުން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން ސީދާ ގޯލުތެރެއަށް ފޮނުވާލައިގެން، ފުރަތަމަ ހާފުގެ 20 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފަހު މިނެޓުގައެވެ.
މިއާއެކު، ސަލާހުއްދީން ސްކޫލުން ކުއާޓަރ ފައިނަލާ ގާތަށް ޖެހިލާފައިވާއިރު، ގާޒީ ސްކޫލަށް މިވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދަރުމަވަންތަ ސްކޫލާއި ހިރިޔާ ސްކޫލެވެ. 2-0 ގެ ނަތީޖާއިން މިމެޗު ކާމިޔާބުކޮށްފައިވަނީ ހިރިޔާ ސްކޫލެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ހިރިޔާ ސްކޫލުން ވަނީ މެޗުގެ ކުރީކޮޅު ލީޑު ނަގާފައެވެ. އެގޮތުން، އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 2 ވަނަ މިނެޓުގައެވެ. އަދި، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 40 ވަނަ މިނެޓުގައެވެ.
މި ނަތީޖާއާއެކު، ހިރިޔާ ސްކޫލް މިވަނީ 3 ޕޮއިންޓާއެކު ގުރޫޕްގެ 1 ވަނައަށް ޖެހިލާފައެވެ. ދަރުމަވަންތަ ސްކޫލް ކުޅުނު ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
އިއްޔެ ކުޅުނު ފަހު މެޗުގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި މަޖީދިއްޔާ ސްކޫލް ބައްދަލުކޮށް، 1-0 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނީ މަޖީދިއްޔާ ސްކޫލެވެ. މިނަތީޖާއާއެކު، މަޖީދިއްޔާ ސްކޫލުން މިވަނީ ގުރޫޕް ސްޓޭޖުގެ ދެ މެޗުވެސް ކާމިޔާބުކޮށް، ކުއާޓަރ ފައިނަލަށް ގޮސްފައެވެ.