މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އިންޑިއާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ މަރިޔައްޕަން ގަނެޝަންއާއި، ނ. ކެނދިކުޅުދޫ ގުލްފާމްގެ، 27އަހަރުގެ އިބްތިޝާމް ޢަލީއާއި، ސ.ހިތަދޫ ދެކުލައަރާގެ، 54 އަހަރުގެ އިބްރާހީމް މަޢުޞޫމެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ތިން މީހުންގެ ތެރެއިން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމް މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އެ މީހުންނާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ޢަލީ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ހުޅުމާލެ ފޭސް 1 ސްޓެލްކޯ ކައިރިން އިބްރާހީމް މަޢުޞޫމް ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން އިބްތިޝާމް ޢަލީއާއި، އިބްރާހީމް މަޢުޞޫމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މަރިޔައްޕަން ގަނެޝަން ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުުކުރެވޭ މައްސަލައާ ގުޅިގެން މިމަހުގެ 17ވަނަ ދުވަހު ކަމަށެވެ. އެގޮތުން ހުޅުމާލޭ ފިތުރޯނުމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 10 ފުޅި ފެނިފައިވާ ކަމަށާއި، މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ، ތަހުގީގު ކުރަމުންނެވެ.