ޚަބަރު

އަޙްމަދިއްޔާ އަދި ހުރަވީ ކުއާޓަރއަށް، ކޭއޭއެމްއަށް އިންތިޒާރެއް


  • ތިން ޓީމުވެސް ވަނީ އިއްޔެގެ މެޗުތައް ކާމިޔާބުކޮށްފައި

  • ކ.އަތޮޅު މަދަރުސާ ފުރަތަމަ މެޗުން ވަނީ ބަލިވެފައި

"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ހުރަވީ ސްކޫލް ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު، ކ.އަތޮޅު މަދަރުސާއިން ފަހު މެޗުގެ ނަތީޖާއަށް އިންތިޒާރުކުރަން ޖެހިއްޖެއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލެވެ. މިމެޗު، 0-5 ގެ ނަތީޖާއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވަނީ އަޙްމަދިއްޔާއިންނެވެ.

އަޙްމަދިއްޔާ ސްކޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ މިމެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފުގައި 2 ގޯލު އަދި ދެވަނަ ހާފުގައި 3 ގޯލު ކާމިޔާބުކޮށްފައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ރެހެންދި ސްކޫލާ ވާދަކޮށް، އެޓީމުން ވަނީ 0-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. އެހެންކަމުން ގުރޫޕް ސްޓޭޖުގެ ދެމެޗުވެސް ކާމިޔާބުކޮށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މިވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޢަރަބިއްޔާ ސްކޫލާއި ކ.އަތޮޅު މަދަރުސާއެވެ. މިމެޗު، 1-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ކ.އަތޮޅު މަދަރުސާއިންނެވެ.

ޢަރަބިއްޔާ ސްކޫލް ހާފުތެރެއިން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކ.އަތޮޅު މަދަރުސާއިން މެޗުގެ ލީޑު ނަގާފައިވަނީ 4 ވަނަ މިނެޓުއެވެ. ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިފައެއް ނުވެއެވެ.

ކ.އަތޮޅު މަދަރުސާ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޢަރަބިއްޔާ ސްކޫލުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ، މެޗުގެ 29 ވަނަ މިނެޓުގައެވެ. ނަމަވެސް، ކ.އަތޮޅު މަދަރުސާއިން ވަނީ އޭގެ އެންމެ 3 މިނެޓު ފަހުން އަލުން ލީޑު ނަގާފައެވެ.

މިއާއެކު، ކ.އަތޮޅު މަދަރުސާ ކުޅުނު ދެމެޗުގެ ތެރެއިން މިވަނީ އެއް މެޗުން މޮޅުވެ އަދި އެއް މެޗުން ބަލިވެފައެވެ. އެހެންކަމުން އެޓީމު ކުއާޓަރއަށް ދާނެކަން ޔަގީންވާނީ މަދްރަސަތުލް އިފްތިތާޙުގެ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތުންނެވެ.

އިއްޔެގެ ފަހުމެޗުގައި ޖަމާލުއްދީން ސްކޫލާއި ހުރަވީ ސްކޫލް ބައްދަލުކުރި މެޗު، 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ހުރަވީ ސްކޫލުންނެވެ. ޖަމާލުއްދީން ސްކޫލް މޮޅުވުން މަޖުބޫރު މިމެޗުގެ ބޮޑު ބައެއް ގޮސްފައިވަނީ ގޯލެއް ނުފެނިއެވެ. ހުރަވީ ސްކޫލުން މެޗުގެ ފުރަތަމަ ގޯލު ޖަހައި، ލީޑު ނަގާފައިވަނީ 34 ވަނަ މިނެޓުގައެވެ. ހުރަވީން ލީޑުނެގުނުން މުބާރާތުގައި ކުރިއަށްދިއުމަށް އުންމީދެއް އޮތުމަށް ޖަމާލުއްދީން ސްކޫލުން ގޯލެއް ޖަހަން މަޖުބޫރުވިއެވެ. ނަމަވެސް، އެޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.

އެހެންކަމުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ގުރޫޕް 7 ކުން ކުއާޓަރ އަށް ގޮސްފައިވަނީ ހުރަވީ ސްކޫލެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގެ މައްޗަށް ކުރިހޯދާފައިވަނީ 0-12 ގެ ބޮޑު ތަފާތަކުންނެވެ.