ޚަބަރު

ސެންޓްރަލް ލީގު ޗެމްޕިއަން ކަން ހޯދަން ގަދަހިފުމަކަށް


  • އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައިވަނީ ހުރާ އަދި ކުޑަހުވަދޫ

  • ދެޓީމު ދެމެދު އޮތީ 2 ޕޮއިންޓުގެ ތަފާތު

ސެންޓްރަލް ލީގުގައި އިއްޔެ ކުޅުނު ދެ މެޗު ހުރާ އަދި ކުޑަހުވަދޫ ކާމިޔާބުކޮށް، ލީގުގެ ޗެންޕިއަން ކަން ހޯދާ ޓީމެއް ކަޑައެޅުން ފަހުދުވަހަށް ގޮސްިއެވެ.

އދ.މަހިބަދޫއާ ބައްދަލުކޮށް ހުރާ ޓީމުން 0-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައިވާއިރު، ދ.މީދޫއާ ބައްދަލުކޮށް ދ.ކުޑަހުވަދޫން މެޗު ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ކުޑަހުވަދޫ އަދި މީދޫ ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، ކުޑަހުވަދޫން ކާމިޔާބުކޮށްފައިވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މިނަތީޖާއާއެކު، ކުޑަހުވަދޫއަށް ތައާވަލުގެ ދެވަނަ ލިބިފައިވަނީ ކުޅުނު 5 މެޗުން ލިބުނު 8 ޕޮއިންޓާއެކުއެވެ.

މަހިބަދޫއާއި ހުރާ ބައްދަލުކުރި މެޗުގައި ހުރައިން ލީޑު ނަގާފައި ވަނީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މިހާ ހަމައަށްވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައި ވެއެވެ. ހުރައިން ގޯލު ޖެހި ހިސާބުން، މަހިބަދޫން ވަނީ ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް، މެޗުގެ 86 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، ހުރައިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިއާއެކު ހުރާ ކުޅުނު 5 މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެހެންނަމަވެސް، އެންމެ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ހުރައަށް ލީގު ގެއްލުންވެސް އެކަށީގެންވެއެވެ.