ޚަބަރު

''މުޞްޙަފް މާލްދީފް''ގެ 95،000 އަށްވުރެ ގިނަ މުޞްޙަފް ޗާޕު ކުރަނީ


''މުޞްޙަފް މާލްދީފް'' މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދޮޅުމަސްދުވަހުގެ ތެރޭގައި 95،000 އަށްވުރެ ގިނަ މުޞްޙަފް ޗާޕު ކުރައްވައިގެން ރާއްޖެ ގެންނަަަވަން ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވިދާޅުވެއްޖެއެވެ.

މުޞްޙަފް މާލްދީފް މަޝްރޫޢަކީ ދިވެހި ކޮންމެ ރައްޔިތަކަށް މުޞްޙަފެއް ފޯރުވައިދެއްވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ހިންގަވާ މަޝްރޫޢެކެވެ. މުޞްޙަފް މާލްދީފަކީ ރާއްޖެއަށް ޚާއްސަކުރައްވައިގެން ނެރުއްވާ މުޞްޙަފެކެވެ.

މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހި ދައުލަތުގެ ނިޝާނާ ލޯގޯ ބޭނުންކޮށްފައިވެއެވެ.

ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން އޮތީ 50،000 މުޞްޙަފް ޗާޕުކުރާ ގޮތަށް ކަމަށާއި އެހެންނަމަވެސް ފަހުން މިއަދަދު 95،627 އަށް އިތުރުކުރައްވާފައިވާ ކަމަށެވެ. މުސްތަފާ ވިދާޅުވީ، މުޞްޙަފް ޗާޕުކުރައްވަން ބަޙްރައިން ސޮސައިޓީއާ ޙަވާލުކުރައްވާފައިވާ ކަމަށާއި ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 95،627 މުޞްޙަފް ކުރިއަށް އޮތް ދޮޅުމަސްތެރޭގައި ރާއްޖެ ގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މުޞްޙަފްގެ ފުރަތަމަަ ޝިޕްމަންޓު ރާއްޖެ ގެންނަވައި މުޞްޙަފް ބައްސަވާނެ އުޞޫލެއް މިނިސްްޓްރީން ކަނޑައަޅުއްވާ ޢިއުލާންކުރައްވާނެ ކަމަށެވެ. މުޞްޙަފް މާލްދީފް މަޝްރޫޢުގެ ދަށުން، ފުރަތަމަ ޗާޕްގެ މުޞްޙަފެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އަރުވާފައެވެ. މި މަޝްރޫޢަކީ، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި ކުރިއަށްގެންދަވާ މަޝްރޫޢެއްކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.