މުނިފޫހިފިލުވުން

"އައިޑަލްއިން ދަސްވި އެންމެ އަގުހުރި ފިލާވަޅަކީ ޓީމް ވަރކް"


"ކަންކަމާއި، ކެރިގެން ކުރިމަތިލައިފިނަމަ، ކޮންމެ ކަމެއްވެސް ހާސިލުވާނޭ" މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އާއްމުކޮށް ބުނެއުޅޭ ބަހެކެވެ. ދިރިއުޅުމުގައި މުހިއްމު ނިންމުންތައް ނިންމާ، އާ ކަންތައްތައް ތަޖުރިބާކޮށް، އެކަންކަމާއި ކެރިގެން ކުރިމަތިލާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބުނެ އުޅޭ ބަހެކެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ގިނަ ބެލުންތެރިންނެއްގެ ހިތްތައް އަތުލައިގެން އެއް ފަރާތަކީ ޕްރެޒެންޓަރ މޫސާ ވަސީމެވެ. ވަސީމް އަކީވެސް މިދެންނެވި ފަދައިން އާ ކަމެއް ތަޖުރިބާކޮށްލުމުގެ ބޭނުމުގައި މޯލްޑިވިއަން އައިޑަލްގެ ފިރިހެން ހޯސްޓެއްގެ މަޤާމަށް ކުރިމަތިލީ ޒުވާނެކެވެ.

ޕްރެޒެންޓް ކުރުމުގެ ދާއިރާގައި މިވަގުތު ތިބި އެންމެ ކުޅަދާނަ ފިރިހެން ޕްރެޒެންޓަރުންގެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާނެ އެއް މޫނަކީ ޓީ.ވީ.އެމްގެ ކުޅަދާނަ އަދި ހުނަރުވެރި ޕްރެޒެންޓަރ މޫސާ ވަސީމް ކަމާމެދު ގިނަ ބަޔަކު ދެބަހެއްނުވާނެއެވެ. ދިވެހިންގެ ގިނަ ބަޔަކު ދަންނަ ވަސީމް ޓީވީ ސްކްރީނުން ފުރަތަމަ ފެނިގެން ދިޔައީ 2004 ވަނަ އަހަރުގެ ތެރޭގައެވެ. ވަސީމް ފުރަތަމަ މަސައްކަތް ކުރަމުންދިޔައީ ޓީ.ވީ.އެމްގައި ޕާޓް-ޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އަދި 2005 ވަނަ އަހަރު ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްއާއި އޭނާ ގުޅުނެވެ. މިހާރު ސީނިއަރ އެޑިޓަރެއްގެ މަޤާމް އަދާކުރަމުންދާ ޒުވާން ނޫސްވެރިޔާ މުސާ ވަސީމަކީ ޕީ.އެސް.އެމުން މިދިޔަ އަހަރު އުފެއްދި ޓީވީ ޗެނަލް "މަޖިލިސް ޓީވީ"ގެ އިންޗަރޖެވެ. އަދި ޓީ.ވީ.އެމުން ގެނެސްދޭ އެންމެ ގިނަ ދުވަސްވީ އެއް ވެރައިޓީ ޝޯވ "ހޭޔަންބޯ"ގައި ފިރިހެން ޕްރެޒެންޓަރެއްގެ ގޮތުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ފަރާތްވެސްމެއެވެ. img:http://s1.psmnews.mv/images/660x400/14759347354121.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 1 އަދި 2 ގެ ފިރިހެން ޕްރެޒެންޓަރ މޫސާ ވަސީމް - ފޮޓޯ: ޕީއެސްއެމް

ވަސީމްގެ ބާރަވަރަކަށް އަހަރުވީ ކެރިއަރގައި، އޭނާ ވަނީ ޤައުމީ ބޮޑެތި ކާރިސާތަކުން ފެށިގެންގޮސް، ރަސްމީ ބޮޑެތި ހަފުލާތަކާއި، އެކި ކަހަލަ އިންތިޚާބުތަކުގެ ކަވަރޭޖްތަކުގައި އޭނާގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ދައްކާ، ގިނަ ބެލުންތެރިންތަކެއްގެ ލޯތްބާއި، އިތުބާރު ހޯދާފައެވެ. މިއަދު މިދެންނެވި ކަހަލަ ކަވަރޭޖެއް ވަސީމްއާއި ނުލާ ފުރިހަމަ ނުވާނޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. 

ކެރިގެން ކޮންމެ ކަމަކާވެސް ކުރިމަތިލައިފިނަމަ އެކަމެއް ކާމިޔާބުވާނެކަން ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އަދި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، "މޯލްޑިވިއަން އައިޑަލް"ގެ ސީޒަން އެކަކުން ވަސީމް މިވަނީ ސާބިތުކޮށްދީފައެވެ. އަދި އައިޑަލްގެ ސީޒަން ދޭކުން އޭނާއަށް ފުރުޞަތު ލިބިގެންދިއުމަކީވެސް، އާއްމުން އޭނާ ބަލައިގެންފައިވާ މިންވަރު ސާބިތުކޮށްދިން ހެއްކެއް ކަމަށް ވަސީމް ކިޔައިދިންނެވެ.

"ސީޒަން އެކެއް ނިންމާފައި ސީޒަން 2 އަށް އިޢުލާން ކުރި ހިސާބުން އަނެއްކާވެސް ކުރިމަތިލީ. ދެތިން ކުއްޖަކާއެކީގައި އޮޑިޝަން ހެދީމައާއެކީގައި އުއްމީދުކުރިން ވަރަށް ބޮޑަށް ލިބޭނެ ކަމަށް. ދެން މި ފުރުޞަތު ލިބުނީމަ ހިތަށްއެރި ސީޒަން އެކެއްގައި ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް ބަލާގެންފިޔޭ ޕްރޮޑަކްޝަން ޓީމުންނާއި، އަދި ބެލުންތެރިންވެސް.. ދެވަނަ ސީޒަނަކަށް ދިއުމާއި ދޭތެރޭގައި އަޅުގަނޑަށް އެންމެ ފާހަގަކުރެވުނީ މީހުން އަޅުގަނޑު ބަލައިގަތްގޮތް ވަރަށް ބޮޑަށް ތަފާތު ވެގެންދިޔަކަން. އަޅުގަނޑަކީ ހާޑްކޯ ނިއުސް މީހެއްގެ ގޮތުގައި ލޭބަލްވެފައި އިން މީހެއް. ވެދާނެ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރުވަންދެން ޙަބަރު ކީމަ ކަމަށް. އެކަމު މީހުން އަޅުގަނޑު ބަލައިގަތް އަޅުގަނޑުގެ އަސްލު ކެރެކްޓަރގައި. އަނެއްހެން ބުނަންޏާމުން މޫސާ ވަސީމަކީވެސް މަޖާވެސް ކުރާ މީހެއް" ވަސީމް ކިޔައިދިނެވެ.

އައިޑަލް ސީޒަން އެކަކުން ކުރެވުނު ތަޖުރިބާއާއި ގުޅޭގޮތުން ވާހަކަދައްކަމުން ވަސީމް ބުނީ، ޝޯވގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، މިހާދުވަހު އޭނާ ކުރަމުންއައި ވަރަށް ސީރިއަސް މަސައްކަތެއް ކަމަށްވެފައި، ކުއްލިއަކަށް މުޅި މީހާ ވަކި "ކެރެކްޓަރ"އަކަށް ފިޓްވުން ކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މި ޝޯވގެ ތެރެއިން އޭނާއަށް ދަސްވި އެންމެ އަގުހުރި ފިލާވަޅުގެ ގޮތުގައި ވަސީމް ސިފަކުރެއެވެ.

"ބައެއް ފަހަރު ހިތަށްއަރާ ވަރަށް ކުޑަކުޑަ ކުދިންވެސް ގޮވާލާ އެހެން ވާހަކަދައްކަންފެށީމަ ހަޤީޤަތުގައި އައިޑަލް ޝޯވ ނުބަލާ މީހަކު ނެތޭ. މުޅި ޤައުމުގެ އެންމެންނަށް އެއްފަހަރާއި ފެންނާނެއޭ އައިޑަލްގެ ތެރެއިން ޙަބަރަށް ވުރެ. އަޅުގަނޑަށް އައިޑަލްގެ މުޅި މަސައްކަތުން ދަސްވި އެއްޗަކީ ޓީމްވަރކް ވަރަށް މުހިއްމުކަން. ޓީމްވަރކް މުހިއްމުވާ ސަބަބަކީ އަޅުގަނޑު ފެނިދާނެ، އެކަމު މޫސާ ވަސީމް ޕްރެޒެންޓަރެއްގެ ގޮތުގައި ޓީވީ ސްކްރީނުން ފެންނައިރު އޭގެ ބޭރުން ވަރަށް ގިނަ ބައެއްގެ މަސައްކަތް ހިމެނޭ. މޭކަޕް އަރޓިސްޓުންނާއި، ޕްރޮޑިއުސަރުންނާއި، މުޅި ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ އެއިން ކޮންމެ މީހެއްގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބޭ" އައިޑަލް ސީޒަން އެކެއްގައިވެސް ޕްރެޒެންޓްކަން ކުރި ވަސީމް ބުންޏެވެ.

ވަސީމްގެ ޕްރެޒެންޓްކުރުމުގެ ހުނަރާއެކު، މޯލްޑިވިއަން އައިޑަލްގެ ޝޯވތަކުން އެތަކެއް ބެލުންތެރިންނެއްގެ މަޤުބޫލުކަން ހޯދާ، ސޯޝަލް ނެޓްވޯކްތަކުގައި އޭނާގެ "ފޭން ބޭސް" އައިޑަލް ސީޒަންގެ ތެރެއިން ވަނީ އިތުރުވެގެންގޮސްފައެވެ. މިއާއެކު އައިޑަލްގެ ސީޒަން 2 އަށް ކުރަމުންދާ އުއްމީދު ވަސީމް ހިއްސާކުރިއެވެ.

"ސީޒަން އެކެއް ނިމިގެން ދިޔައިރު ގިނަ މީހުން ބަލާލަން ބޭނުންވީ މިއީ ކިހިނެއް ކުރިއަށްދާ ޝޯވއެއްތޯ. މިހާރު އެނގޭނެތާ މީތި ކުރިއަށް ދާނެގޮތް. އެހެންވީމަ ވަރަށް ގިނަ ބަޔަކު މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރެވޭ. އަދި އަޅުގަނޑުމެންނަށް ރަނގަޅު އުފެއްދުމެއް ނެރެވޭނެކަމުގެ ޔަޤީންކަންވެސް އެބަ ލިބޭ އަޅުގަނޑުމެންގެ ޓީމާއި، މި މަސައްކަތް ކުރަންތިބި މީހުންނަށް ބަލާލީމަ" ވަސީމް ކިޔައިދިނެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 އާމެދު ވަސީމްގެ އުއްމީދުތައް މިގޮތަށް ހުރިއިރު، ދެވަނަ ސީޒަނަށް އިންތިޒާރުކުރަމުންދާ ފަރާތްތަކުގެ އުއްމީދަކީވެސް މިދިޔަ ސީޒަންގައި ބެލުންތެރިންގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވި ފަދައިން، މިފަހަރުގެ ސީޒަނުންވެސް ވަސީމްގެ ފަރާތުން ތަފާތު މޮޅުކަމެއް ފެނިގެން ދިއުމެވެ.