ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގައި، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް މެޓްރިކްސް ކުޅުނު 3 ވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި އިންވިކްޓޯ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، މެޓްރިކްސް ކާމިޔާބުކުރީ 12-75 ގެ ބޮޑު ތަފާތަކުުންނެވެ.
މުބާރާތުގައި، އިއްޔެ ކުޅެވިގެންދިޔައީ ގުރޫޕް އޭ، ބީ އަދި ސީގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި މެޓްރިކްސް އަދި އިންވިކްޓޯ ބައްދަލުކޮށް، ބޮޑު ތަފާތަކުން މެޓްރިކްސް މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ޒެނިތު ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ޔުނިޓީ ބައްދަލުކުރި މެޗު، 16-34 ގެ ނަތީޖާއިން ކާމިޔާބުކުރީ ޒެނިތު ސްޕޯޓްސް ކުލަބެވެ. އަދި ތިންވަނަ މެޗުގައި ކޭވައިއާރުސީގެ މައްޗަށް އާޖީލަކަށް ކުރިހޯދީ 22-32 ގެ ނަތީޖާއިންނެވެ.
މިމެޗުތަކުގެ މޮޅު ކުޅުންތެރިންނަށް ބަލާއިރު، ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޓްރިކްސްގެ ޖުނައިނާ އަޙްމަދު އިސްޙާޤެވެ. ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޒެނިތުގެ ފާޠިމަތު ނަޝްފާ އަފީފް ހޮވުނުއިރު، ތިންވަނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖީލަކަށް ގެ ޢައިޝަތު ޒީކް ޝިޔާމެވެ.
މުބާރާތުގައި މިއަދު ބައްދަލުކުރާނީ ފިއޯންޓީ ސްޕޯޓްސް ކުލަބާއި ބްލެކް ޕެންތަރސް، އެސްސީ ސްކައިލާކް އާއި އެމްވީ ނެޓާސް، ޔޫތު ޔުނައޑެޓް ސްޕޯޓްސް ކުލަބާއި އެން ސްޕޯޓްސް އެކެޑަމީ އަދި އެސްސީ ޝައިނިންގ ސްޓާ އާއި ކުލަބް ގްރީން ސްޓްރީޓްސްއެވެ.