ޚަބަރު

ޕީއެސްއެމްއިން ކުޑަކުދިންނަށް ޚާއްސަ ދިވެހި އުފެއްދުންތަކެއް!


ޕަބްލިކް ސަރވިސް މީޑިޔާއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަވީރު ގެނެސްދޭ ޕްރޮގްރާމްތަކާއި ކާޓޫން ފަދަ ޕްރޮގްރާމްތައް ދިވެހިވަންތަ އުފެއްދުންތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ، ކިންޑަރ ޕްރީސުކޫލުން ބޭއްވި ކިންޑަރ އެޑިއުކޭޝަން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. img:http://s2.psmnews.mv/images/660x400/14759256136671.jpg|ކިންޑަރ އެޑިއުކޭޝަން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ކިންޑަރ ޕްރީސުކޫލްގެ އެޑިއުކޭޝަން ފެއަރއަކީ، ނާސަރީ، އެސްކޭޖީ އަދި ޖޭކޭޖީ ކުދިންގެ އުފެއްދުންތެރިކަމާ ހުނަރު ދައްކުވައިދީ، ސްކޫލްގައި އުނގެނޭ އެއްޗެހި ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދައްކުވައިދިނުމުގެ ގޮތުން ބޭއްވި ފެއާރއެކެވެ. މިފެއަރގައި 11 ސްޓޯލް ބައިވެރިކޮށްފައިވެއެވެ.

ފެއަރ ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ، މިހާރު ޓީވީ ތަކުން ގެނެސްދެނީ ބޭރު ދުނިޔޭގައި އުފައްދާ ކާޓޫނު ކަމަށާއި އޭގެ ބަދަލުގައި އެގަޑިތަކުގައި ޓީވީ ތަކުން ދައްކާ ކާޓޫންތަކާއި ކުދިންނާ ގުޅޭ ޕްރޮގްރާމްތައް ވާންވާނީ ދިވެހިވަންތަ ދިވެހި ސަޤާފަތާއި އިސްލާމީ އަޤީދާގެ ގިއުގަނޑުގެ ތެރެއިން ބައްޓަން ކުރެފައިވާ އެއްޗަކަށް ކަމަށެވެ. އެގޮތުން އެ މަސައްކަތް މިހާރު ޕީއެސްއެމްއިން ފަށައިގެން ކުރިއަށްގެންދާ ކަމަށާއި ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، އެފަދަ ގޮތަށް ޕްރޮގްރާމްތައް ބަދަލުކުރަން ނިންމެވީ، އެ ޢުމުރުގެ ކުދިންގެ އަޚްލާޤަށާއި އުޅުމާއި ތަރުބިއްޔަތަށް ހެޔޮ ބަދަލުތަކެއް މީޑިޔާ މެދުވެރިކޮށް ގެނައުމުގެ މަޤްޞަދުގައި ކަމަށެވެ.

''ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ދިވެހިވަންތަކަމާއި، ދިވެހިންގެ އަޤީދާ ގުޅޭ، ދިވެހިވަންތަ ކާޓޫން އުފެއްދުމުގެ މަސައްކަތް. އެ މަސައްކަތް އެބަ ކުރޭ މިހާރު. އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި އުފެދުނު ބަތޮލުން، ދޮންބަންޑާރައިން ފަދަ ބޭފުޅުންގެ ކާޓޫން ދެއްކެން ވާނެ. އަދި އިސްލާމް ދީނުގައި އުފެދުނު ވަރުގަދަ ޝަޙްސިއްޔަތުގެ ކާޓޫނު ދެއްކެން ވާނެ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ޕްރީ ސްކޫލް މަރުޙަލާގައި ކުދިންނަށް ސްކޫލްތަކުން ދަސްކޮށްދޭ ލަވަތައް ދިވެހި ބަހުން އުފެއްދުމަކީވެސް ޕީއެސްއެމްގެ އަމާޒެއް ކަމަށެވެ.

"ޕްރީ ސްކޫލް ކުދިން ކިޔާ ލަވަތައް ދިވެހި ބަހުން ވަރަށް ނުހުރޭ. ވަރަށް ގިނައިން އެކުދިން ކުޅިވަރުގެ ތެރެއިން އަދި ލަވައިގެ ތެރެއިން އުނގެނޭނެ. އެ މަސައްކަތްވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރަން ވަނީ އަމާޒު ހިފާފައި." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވިއެވެ.

މިއީ ކިންޑަރ އެޑިއުކޭޝަން ފެއަރ ބޭއްވި ތިންވަނަ ފަހަރެވެ. މި ފެއަރގައި ދަރިވަރުންގެ އުފެއްދުންތެރިކަމާއި ހުނަރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މޮޑެލްތައް ދައްކާލާފައިވެއެވެ.