ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި ޤާއިމްކުރި 19 ސްމާޓް ކްލާސްރޫމް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ކްލާސްރޫމްތައް އިފްތިތާޙު ކޮށްދެއްވީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމު ޅ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސްމާޓް ކްލާސްރޫމް އިފްތިތާޙު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ހަޔާތަށް ބަލާއިރު މަދްރަސަތުލް އިފްތިތާޙަކީ ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކުރެވޭ ސްކޫލެއް ކަމަށެވެ. އެގޮތުން އެ ސްކޫލުން ޤައުމަށް އަގުހުރި، އުފެއްދުތެރި ދަރިންތަކެއް ނެރެދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެޗް ފައުންޑޭޝަންގެ ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ސްކޫލުން ނެގި އިސްނެގުމެއްގެ މަތިން އެފައުންޑޭޝަންގެ ފަރާތުން ސްކޫލަށް ވެދިން އެހީއެއް ކަމަށެވެ. އަދި މި ކްލާސްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންވެސް މިކަމަށް ތަމްރީނު ކުރެވިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މިއީ މަދްރަސަތުލް އިފްތިތާހުގެ ކްލާސްރޫމްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފޭސްކަމަށް އެ ސްކޫލް އިން ހާމަކުރެއެވެ. ޑުއަލްޓަޗް ސްމާޓް ސްކްރީންތަކަކާއެކު ޤާއިމް ކުރެވުނު މި ޚިދުމަތަށް 1.3 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޚަރަދެއް ހިނގާފައިވާ ކަމަށް އެފަރާތުން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވަނީ ހަނދާނީފިލާ ދެއްވާފައެވެ.