ޚަބަރު

ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ އިއްޔެ މެޗްތައްވެސް ފޯރި ގަދަ


  • މިއަދުން ފެށިގެން މުބާރާތުގެ ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

  • މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 21 ވަނަ ދުވަހު

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ހަތަރުވަނަ ދުވަހުގެ މެޗުތައް އެން ސްޕޯޓްސް އެކެޑެމީ، ޔޫތް ޔުނައިޓެޑް އެސްސީ، ކްލަބް ގްރީން ސްޓްރީޓްސް އަދި ކުޅުދުއްފުށީ ޔޫތް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) ކާމިޔާބުކޮށްފިއެވެ.

އިއްޔެގެ ފުރަތަމަ މެޗު ހަވީރު ކުޅެފައިވާއިރު، ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗު އެން ސްޕޯޓްސް އެކެޑެމީ ކާމިޔާބުކުރީ 19-14 އިން ޒެނިތް އެސްސީ ބަލިކޮށްގެންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން ސްޕޯޓްސް އެކެޑެމީގެ ސެންޓަރ އާއިޝަތު މަލާއިކާ އަލީއެވެ.

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ޔޫތް ޔުނައިޓެޑް އެސްސީއިންވަނީ ފަސޭހަކަމާއެކު، 29-09 އިން ޔުނައިޓެޑް ޔުނިޓީ އެސްސީ ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫތް ޔުނައިޓެޑް އެސްސީގެ ޖީކޭ ކައިލީން ހުސައިން ޒުހައިރްއެވެ.

ތިންވަނަ މެޗު ކްލަބް ގްރީން ސްޓްރީޓްސްއިން ފަސޭހަކަމާއެކު ވަނީ ކްލަބް އެން ސްޕޯޓްސް ބަލިކޮށްފައެވެ. 43-06 ގެ ބޮޑު ފަރަގަކުން ގްރީން ސްޓްރީޓްސް މެޗު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޑަބްލިއުއޭ އާއިޝަތު ރީމާއެވެ.

އިއްޔެގެ ފަހު މެޗުވެސް ފާހަގަކުރެވުނީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. ކޭވައިއާރްސީއިން އެސްސީ ސްކައިލާކް ބަލިކޮށްފަވަނީ 40-05 ގެ ބޮޑު ފަރަގަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭވައިއާރްސީގެ ސެންޓަރ އާއިޝަތު އީޝަލްއެވެ.

މިހާތަނަށް މިމުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ މާފަންނު ސިންތެޓިކް ކޯޓްގައެވެ. އެހެންނަމަވެސް މިއަދަށްފަހު މުބާރާތުގެ ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މިމުބާރާތުގެ ގްރޫޕް އޭ ގައި ވާދަކުރަނީ އާޖީލަކަށް، އެސްސީ ސްކައިލާކް، އެމްވީ ނެޓާސް އަދި ކޭވައިއާރްސީއެވެ.

ގްރޫޕް ބީ ގައި އިންވިކްޓޯ އެސްސީ، ފިއޯންތީ އެސްސީ، ބްލެކް ޕެންތާސް އެސްސީ އަދި ކްލަބް މެޓްރިކްސްއެވެ. އަދި ގްރޫޕް ސީ ގައި ޒެނިތް އެސްސީ، ޔޫތް ޔުނައިޓެޑް އެސްސީ، އެން ސްޕޯޓްސް އެކެޑެމީ އަދި ޔުނައިޓެޑް ޔުނިޓީ އެސްސީ ވާދަކުރާއިރު ގްރޫޕް ޑީ ގައި ހިމެނެނީ ކްލަބް އެން ސްޕޯޓްސް، އެސްސީ ޝައިނިން ސްޓާރ އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

މިމުބާރާތުގައި ކޮންމެ ދުވަހަކު ތިން މެޗު ނުވަތަ ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗު ހަވީރު 05:15 ގައި ކުޅޭއިރު ދެވަނަ މެޗުގެ ކުޅުން ކުރިއަށްދާނީ ރޭގަނޑު 08:30 ގައެވެ. އަދި ތިންވަނަ މެޗު 09:45 ގައި ކުޅޭއިރު ހަތަރު ވަނަ މެޗުގެ ކުޅުން ކުރިއަށްދާނީ 10:00 ގައެވެ.

މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ މިއަދުގެ މެޗުތަކަށް ބަލާއިރު، މިއަދަށް ތިން މެޗުވަނީ ތާވަލުކޮށްފައެވެ. ފުރަތަމަ މެޗުގައި އިންވިކްޓޯ އެސްސީ އަދި ކްލަބް މެޓްރިކްސް ވާދަކުރާއިރު، ދެވަނަ މެޗުގައި ވާދަކުރާނީ ޒެނިތް އެސްސީ އަދި ޔުނައިޓެޑް އެސްސީއެވެ. ފަހު މެޗުގައި އެސްސީ ސްކައިލާކް ނުކުންނާނީ އެމްވީ ނެޓާސްއާ ދެކޮޅަށެވެ.

މިމުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅޭނީ 19 ވަނަ ދުވަހުއެވެ. އަދި 20 ވަނަ ދުވަހު ސެމީގެ މެޗުތައް ކުޅުމަށްފަހު ފައިނަލް މެޗުގެ ކުޅުން އޮންނާނީ 21 ވަނަ ދުވަހުއެވެ.